އިންޑިއާއިން ރާއްޖޭގައި ގްރައުންޑް ސްޓޭޝަނަކާއި 100 ވީސެޓް ގާއިމް ކުރަނީ

އަވަށްޓެރި އިންޑިއާއިން ރާއްޖޭގައި ބޮޑު ގްރައުންޑް ސްޓޭޝަނަކާއި 100 ވީސެޓް (ވެރީ ސްމޯލް އެޕާޗަރ ޓާމިނަލް) ހަރުކުރަން ނިންމާފައިވާކަމަށް އެގައުމުން ބުނެފިއެވެ. ޓައިމްސް އޮފް އިންޑިއާގައި މިކަން ރިޕޯޓްކ...

05 Jan 2019 | 03:02

އަވަށްޓެރި އިންޑިއާއިން ރާއްޖޭގައި ބޮޑު ގްރައުންޑް ސްޓޭޝަނަކާއި 100 ވީސެޓް (ވެރީ ސްމޯލް އެޕާޗަރ ޓާމިނަލް) ހަރުކުރަން ނިންމާފައިވާކަމަށް އެގައުމުން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި މިކަން ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ އިންޑިއާގެ ސްޕޭސް ޑިޕްލޮމެސީގެ ދަށުން ރާއްޖެ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާގައި ގްރައުންޑް ސްޓޭޝަން ގާއިމްކުރަން ނިންމާފައިވާކަމަށާއި މީގެ އިތުރުން ކޮންމެ ގައުމެއްގައި 100 ވީސެޓް ހަރުކުރަން ނިންމާފައިވާކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން މި ގައުމުތަކަށް ބްރޯޑްކާސްޓިން އާއި ޓެލެފޮނީއާއި އިންޓަނެޓް އަދި ޑިޒާސްޓަރ މެނޭޖްމަންޓް އަދި ޓެލެމެޑިސިން ދާއިރާއިން ކުރިއެރުން ލިބިގެންދާނެކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި މި ސްޓޭޝަންތަކުގެ ތެރެއިން ބޫޓާންގައި ގާއިމްކުރާ ސްޓޭޝަން މި މަހުގެ ނުވައެއްގެ ނިޔަލަށް ނިމި މިމަހުގެ 15ގައި ހުޅުވާނެއެވެ. އަދި އެގައުމުގައި އިންސްޓޯލްކުރާ 100 ވީސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް "އަލްފާ ޑިޒައިން ޓެކްނޮލޮޖީސް" ނަމަކަށް ކިޔާ ކުންފުންޏަކުން ކުރަމުން އަންނަ ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަފްގާނިސްތާނުގައިވެސް މިފަދަ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ. މި މަޝްރޫއަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒާއި އިންޑިއާގެ "އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން" (އިސްރޯ) އާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

މީގެ އިތުރުން ރާއްޖެއިން އެދިފައިވާތީ މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ޑިޒާސްޓަރ މެނޭޖްމަންޓް އެލާޓް ސިސްޓަމްތަކެއް ގާއިމް ކުރުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި މި ނިޒާމް ގާއިމް ކުރާނެކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް