ތަނެއްގައި މުންކަރާތެއް ހިނގާއިރަށް ސަލަފް ކޮބާތޯ އަހަނީ ޖަމްޢިއްޔަތުއްސަލަފަށް މީހުން އިތުބާރު ކުރާތީކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ލައިވްކޮށް ފޮނުވި 'އޮނަތިރީސް މިނެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ތަންތަނުގައި މިއުޒިކާއި އަދިވެސް މިފަދަ ނުބައި ފާޙިޝް ކަންކަން ހިނގަމުންދާއިރު ވަރަށްގިނަ މީހުން 'ސަލަފް ކޮބާ' ތޯ އަހާކަމަށާއި، އެހެން އެއަހަނީ ޖަމްޢިއްޔަތުއްސަލަފަކީ މީހުންގެ އިތުބާރު ލިބިފައިވާ ބަޔަކަށްވެފައި ސަލަފަކީ ވަކި ބަޔަކަށް، ވަކި ޕާޓީއަކަށް ނުވަތަ ވަކިސަރުކާރަކަށް ލޯ މަރާލާފައި ގޮސް ހުސްވެފައިވާ ބައެއްނޫންކަމަށް އެމީހުން ޤަބޫލު ކުރާތީ ކަމަށެވެ.
"ދަންނަވަންތޯ، ދިވެހިރާއްޖޭގައި ދީނީ ޢިލްމުވެރިންގެ އިތުބާރު އޮތް ބަޔަކަށް މީސްތަކުން ގޮވާނީ. ދަރިންވެސް ކަމެއްދަމެއް ބޮޑުވީމައި ގޮވާނީ އެމީހުންގެ ބެލެނިވެރި ފަރާތަށް. އެހެންބަޔަކަށް ނުގޮވާނެ. ހަމައެގޮތަށް މިޤައުމުގައިވެސް ތަނެއްގައި ﷲ ޙަރާމްކުރެއްވި ކޮންމެވެސް ކަމެއް ހިނގާކަމަށްވަންޏާ ގޮވާނީ އެކަމާއި ކަންބޮޑުވެ އެކަމާއި އުޅެދޭނެ ބަޔަކަށް ދެއްތޯ. އެގޮތަށް ގޮވާ ގޮވެލިތަކަކީ އެއީ ރަނގަޅު އަދި އުފާވެރި ކަމެއްގެގޮތުގައި އަޅުގަނޑުމެން ސިފަކުރަނީ. އަޅުގަނޑުމެންގެ އެންމެފަހު ނޭވާ އާއި ހަމައަށްވެސް ބަސްބުނުމުގައި ދެގޮތެއްނެތި އިންޝާﷲ ތިބޭނަން". ޝައިޚް ފިކްރީ ވިދާޅުވިއެވެ.
އޮނަތިރީސް މިނެޓް ގެ 57 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޙަސަން ވިދާޅުވިގޮތުގައި ރާއްޖެއަކީ ފުރިހަމަ މިނިވަން ދައުލަތެއްކަމަށާއި މި ދައުލަތުގައި ފުލުހުންނާއި ސިފައިންނާއި، ސިޔާސީ އެކިއެކި ޕާޓީތަކާއި، އަދި އެކިއެކި ނަންނަމުގައި ހެދިފައިވާ އެތައް ބައިވަރު ވުޒާރާތަކެއް އެބަހުރިކަމަށާއި މީގެން ކޮންމެ މުއައްސަސާއަކަށް ބެލިކަމުގައިވިޔަސް ކޮންމެ ބައެއްގެވެސް އެންމެ އިސް ވާޖިބަކަށްވެފައި މިއޮންނަނީ އިސްލާމްދީން ޙިމާޔަތް ކުރުމާއި އެދީނުގައި އޮތްގޮތަށް ޢަމަލުކުރުންކަމަށެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކަކީ ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ލިބޭ ޕާޓީތައް. އެއީ ކީއްކުރަންތޯ؟ ސަރުކާރު ޒިންމާދާރު ކުރުވަން. ކޮންމެ ޕާޓީއެއްގެވެސް އަސާސީ ޤަވާޢިދުގައި އެބައޮވޭ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރުން. ކޮންމެ ސިޔާސީ ޕާޓީއެއްގައި އެބައޮވޭ އެމީހުންގެ ޚާއްޞަ ދީނީ ގޮތްޕެއް. އަދި މިދަންނަވާ ކޮންމެ ޕާޓީއަކަށްވެސް ނިސްބަތްވާ ދީނީ ޢިލްމުވެރިން އެބަތިބި. ރާއްޖޭގައި ހިނގަމުންދާ ފާޙިޝް ކަންތައްތައް ހުއްޓުވަން މިމީހުން ކޮންކަމެއްތޯ ކުރަނީ؟ ނުވިތާކަށް މި މީހުންދެނީ އެކަންކަމަށް ހިތްވަރު ނޫންތޯ. އެހެންވީމައި ދީނީ ކަންކަމުގައި ރައްޔިތުންނެއް އިތުބާރެއް ނުކުރާނެ މި މީހުންނަކަށް އިނގޭތޯ" ޝައިޚް ވިދާޅުވިއެވެ.
ކޮންމެ ބުދަ ދުވަހެއްގެ ރޭ 10:30 އިން 10:59 އަށް، ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ލައިވްކޮށް ގެނެސްދޭ 'އޮނަތިރީސް މިނެޓް' ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލުންނާއި އަދި އެޖަމްޢިއްޔާގެ ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ރެކޯޑިން ސަންޓީވީ އިން އަންނަނީ ދައްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް