ކުޓީނިއޯ ހޯދުމަށް ބާސާއިން 150 މިލިޔަނުގެ ރެކޯޑް ބިޑެއް ހުށަހަޅަނީ؟

ލިވަޕޫލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ހޯދުމަށް ބާސެލޯނާއިން 150 މިލިޔަން ޔޫރޯގެ ރެކޯޑް ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ. މި އަގުގައި ބާސެލޯނާއަށް ކުޓީނިއޯ ބަދަ...

05 Jan 2018 | 10:30

ލިވަޕޫލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ހޯދުމަށް ބާސެލޯނާއިން 150 މިލިޔަން ޔޫރޯގެ ރެކޯޑް ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ. މި އަގުގައި ބާސެލޯނާއަށް ކުޓީނިއޯ ބަދަލުވެއްޖެ ނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ 3 ވަނައަށް އެންމެ އަގުބޮޑު އަދި ބާސެލޯނާގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ އަށެވެ.

ބާސެލޯނާއިން ކުޓީނިއޯ ހޯދުމަށް 150 މިލިޔަން ޚަރަދު ކުރުމަށް ތައްޔާރުވާއިރު، މި ވަގުތު އެ ޓީމުގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިދިޔަ ޖޫން މަހު އެ ޓީމާ ގުޅުނު އޮސްމާނޭ ޑެމްބެލޭ އެވެ. ޑެމްބެލޭ ޑޯޓްމަންޓް ދޫކޮށް ބާސާއަށް ބަދަލުވީ 105 މިލިޔަން ޔޫރޯ އަށެވެ.

އަނެއްކޮޅުން މި ޓްރާންސްފާ ފުރިހަމަ ވެއްޖެނަމަ ވެގެން ދާނީ، 222 މިލިޔަނަށް ބާސާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ އަދި 180 މިލިޔަނަށް މޮނާކޯއިން ޕީއެސްޖީއަށް ބަދަލުވި އެމްބާޕޭގެ ޓްރާންސްފާއަށް ފަހު އެންމެ ބޮޑު ޓްރާންސްފާ އަށެވެ.

މިދިޔަ ޓްރާންސްފާގެ ބާޒާރުގައި ވެސް ބާސެލޯނާއިން ވަނީ ކުޓީނިއޯ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ކުޓީނިއޯ ވެސް ބާސެލޯނާއަށް ބަދަލު ވާން ބޭނުން ވާކަން ތަކުރާރުކޮށް ހާމަކުރި ނަމަވެސް ލިވަޕޫލުން ބާސެލޯނާގެ 3 ހުށަހެޅުމަށް ވެސް ކުރީ އިންކާރެވެ. ނަމަވެސް މި ޓްރާންސްފާގެ ބާޒާރުގެ ތެރޭގައި ކުޓީނިއޯ ބޭނުންވާ ފަދައިން ލިވަޕޫލުން އޭނާ ބާސެލޯނާއަށް ވިއްކާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވުމުގެ ވާހަކަތަކަށް ބޮޑަށް ބާރު ލިބިގެން ދިޔައީ މި މަހުގެ ތެރޭގައި ބާސެލޯނާގެ ކިޓް ސްޕޮންސަރ ނައިކީ އަށް އޮޅިގެން ކުރެވުނު އިޝްތިހާރަކުންނެވެ. ނައިކީގެ ވެބްސައިޓްގައި ވަނީ ބާސެލޯނާގެ ދަނޑުގައި ކުޓީނިއޯ ޖާދޫ ދައްކަން ތައްޔާރަށް ހުރި ކަމަށާއި އޭނާގެ ނަން ޖަހާފައިވާ ބާސެލޯނާގެ ޖާޒީއެއް ގަތުމަށް އޯޑަރު ދިނުމަށް ބުނެ އިޝްތިހާރެއް ޖަހާފައެވެ. ނަމަވެސް ފަހުން ވަނީ މި އިޝްތިހާރު ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް