ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސަކީ، ރައީސް މުއިއްޒު: ޝިޔާމް

ދިވެހި ތާރިޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނޭ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. އެކް...

04 Dec 2024 | 17:18

ދިވެހި ތާރިޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނޭ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމްް މިގޮތަށް ވިދާޅުވީ ރައީސް، މިއަދުގެ ވަގުތެއްގައި ކެޔޮޅުވެރިންނާއިއެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވަމުން ނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ ރައީސް އެންމެ އިސްކަންދެއްވާ ކަންތައް ކަމަށާއި ދިވެހި ތާރިޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނޭ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

ޝިޔާމްގެ ޕޯސްޓުގައި ވަނީ ރައީސުލް ޖުމްޙޫރިއްޔާއަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަން ޔަޤީން ވަނީ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށް ވިދާޅުވެފަ އެވެ.

ބުދަ ދުވަހު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރަންޖެހޭ ކަންކަމާއި، މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. މީގެ ތެރޭގައި މަހުގެ އަގު ދަށްވުމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ދިމާވާ ގޮންޖެހުންތައް ހިމެނެ އެވެ. އަދި މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި، މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން މަސްވެރިންނާއި ކެއުޅުންނާ ގާތުން މަސައްކަތްކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަން ސީރިއަސްކޮށް ބައްލަވައި، އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، މިފަދަ ބައްދަލުވުންތައް އަދި ގިނައިން ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ކެޔޮޅުން ވަނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް