ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓު ހައުސްތަކުން 1،000 އަށްވުރެ ގިނަ އެނދު އަލަށް ނެރެފި

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓު ހައުސްތަކުން 1،000 އަށްވުރެ ގިނަ އެނދު އަލަށް ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކު...

04 Dec 2024 | 07:19

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓު ހައުސްތަކުން 1،000 އަށްވުރެ ގިނަ އެނދު އަލަށް ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނުއިރު ގެސްޓު ހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުގެ އަދަދަކީ 809 ގެސްޓު ހައުސްއަކުން 13،657 އެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް 909 ގެސްޓް ހައުސްއަކުން 15،325 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެހެންކަމުން މިއީ އަހަރު ފެށުނުއިރު އެނދުގެ ނިސްބަތް ހުރި އަދަދާއި އަޅާބަލާއިރު 1،214 އެނދުގެ އިތުރުވުމެކެވެ. އަދި މިއަހަރުތެރޭގައި މުޅިން އަލަށްވަނީ 100 ގެސްޓުހައުސް ހުޅުވާފައެވެ.

ގެސްޓު ހައުސްތަކުން ގިނަ އަދަދެއްގެ އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދު ވަނީ 62،864 އަށް އިތުރުވެފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 42،539 އެނދާއި ގެސްޓު ހައުސްތަކުގެ 15،325 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3،044 އެނދާއި ހޮޓާތަކުގެ 1،956 އެނދުކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 171 ރިސޯޓު، 909 ގެސްޓުހައުސް، 155 ސަފާރީ، 14 ހޮޓާ ހިމެނޭހެން ޖުމްލަ 1249 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ބެޑު ކެޕޭސިޓީއަކީ 62،864 އެނދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް