ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި އަންގާރަ ދުވަހުގެ ހަވީރު އަދި އެ ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޅ. ނައިފަރާއި، ޅ. ކުރެންދޫ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އިއްޔެ ހަވީރު ދެވަނަ ބުރުގެ ޖާގައެއް ޅ. ކުރެންދޫން ހޯދީ0-1 ގެ ނަތީޖާއިން ކ. ގުރައިދޫ ބަލިކޮށްގެންނެވެ. އަދި ނައިފަރުން ދެވަނަ ބުރުގެ ޖާގައެއް ހޯދީ1-2 ގެ ނަތީޖާއިން ބ. ކެންދޫ ބަލިކޮށްގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް ސީގައި ކުރެންދޫއަތުން ބަލިވި ނަމަވެސް ގުރައިދުއަށްވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީންވެފައެވެ. މި ގްރޫޕުން އެއްވަނަ ހޯދީ ފަސް ޕޮއިންޓް ހަމަކުރި އައްޑޫ ސިޓީއެވެ. ދެވަނަ ހޯދި ގުރައިދޫ އާއި ތިންވަނަ ހޯދި ކުރެންދުއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން ކެޓީ ތިން ޕޮއިންޓް ލިބުނު ކ. ހުރާއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކުރެންދުއަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ޖޯޑީ ބާޓްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާތެރެއިން ލިބުނު ބޯޅައަކުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް ޑީގެ މެޗު ނައިފަރުން ކާމިޔާބުކޮށް ދެވަނަ ބުރު ޔަގީންކުރިއިރު، މި ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ރ. އަލިފުށިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައެވެ. ދެވަނައިގައި އޮތް ނައިފަރުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ތިން މެޗު ކުޅެގެން ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ކެންދޫ އާއި ހަތަރުވަނައިގައި އޮތް ކ. މާފުއްޓަށް ވަނީ ޕޮއިންޓެއް ލިބިފައެވެ.
ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކެންދޫ އިންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މަލްސޫން ޔާމީނެވެ. އެކަމަކު މެޗުގެ 19 ވަނަ މިނެޓުގައި ނައިފަރުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އިމްރާން މުޙައްމަދެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އިމްރާން ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން ނައިފަރު މޮޅުކޮށްދީފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 17 ޓީމެއް ވާދަކުރަމުން އަންނައިރު، މި ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި، ދ. ކުޑަހުވަދޫ އާއި، ގދ. ފަރެސްމާތޮޑާ އާއި ދ. މީދޫ އަދި ހއ. ދިއްދޫއެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް