މިއަހަރުގެ ރިވެލި ތަރި އެވޯޑު ހަތް ފަރާތަަކަށް އަދި ރިވެލި އެވޯޑު ހަ ފަރާތަކަށް ދީފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ މި އެވޯޑް ދީފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރިވެލި ތަރި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަގުސަދުގައި ދޭން ފެށި އެވޯޑެކެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންދާ އެވޯޑެކެވެ. މި އެވޯޑު ދެނީ ކޮންމެ ދެއަހަރުން އެއް އަހަރު އެވެ.
ރިވެލި ތަރި އެވޯޑް ލިބުނު ފަރާތްތަކަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން އަޔާން އާލް ބިން އަޙްމަދު ނާޞިރް، މ. އަބާނާ / ކ.މާލެ، ކުޅިވަރުގެ ދާއިރާއިން، ފާޠިމަތު އިބްރާހީމް – ކާނިމާގެ، ޅ. ހިންނަވަރު، ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން - އަޙްމަދު ސާދިން، ރިޙާބު / ށ. ގޮއިދޫ، ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން - ޙުސައިން ސާލިމް، ތެމާ / ހއ. އިހަވަންދޫ އެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއިން - ރަޔާން ރިޔާޟް ޢަބްދުލްވާޙިދު، ވަފާ /ހއ. އިހަވަންދޫ، ތަޢުލީމީ ދާއިރާއިން - މުޙައްމަދު މާޢިޒު، ދުންތަރި / ހއ. އިހަވަންދޫ، އަދި ސްކޫލް ކެޓެގަރީން ރިވެލި ތަރި އެވޯޑު ލިބުނީ އިމާދުއްދީން ސްކޫލަށެވެ.
ރިވެލި އެވޯޑް ލިބުނު ފަރާތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން، އަހުމަދު ސާދިން، ރިހާބު / ށ.ގޮއިދޫ، މުޙައްމަދު ޔަމާމް، ގ.ޖަނަވަރީމާގެ، އެކިގޮތްގޮތުން ރީތިނަމާއި، ކާމިޔާބީތައް ހޯދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ދާއިރާއިން އަލްހާފިޒު މުޙައްމަދު އަޝްހަމް ޢަލީ، މއ.އަރިވަރު އެވެ.
މީގެ އިތުރުން ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އަޙުމަދު އާތިފް، ޝަބްނަމްގެ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން ޖަމާލުއްދީން ސްކޫލަށް ވެސް ވަނީ ރިވެލި އެވޯޑު ލިބިފަ އެވެ.
އެންމެ ފަހުން ރިވެލި އެވޯޑް ދީފައިވަނީ 2019 ވަނަ އަހަރު އެވެ. އެއަހަރު 21 ފަރާތަކަށް ވަނީ އެވޯޑް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް