އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ވެސްޓް ހޭމް ޔުނައިޓެޑް އަދި ޗެލްސީ ބައްދަލުކުރި މެޗު ވެސްޓްހޭމުން ކާމިޔާބު ކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުން ވެސްޓް ހޭމް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 28 ވަަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ ސިލްވާ އެވެ. ޗެލްސީން ލަނޑުޖަހާ ލީޑު ނެގިނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ވެސްޓްހޭމުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން ވެސްޓްހޭމަށް ނަތީޖާ އެއްވަރުކުރި ލަނޑު ކާމިޔާބު ކޮށްދިނީ މެނުއެލް ލަންޒީނީ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ވެސްޓް ހޭމުގެ ޖެރޮޑް ބޮވެންއަށް ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
ވެސްޓްހޭމުން މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗުގައި އަލުން ލީޑު ނަގާފައެވެ. ހަކީމް ޒިޔެޗްގެ އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ.
ޗެލްސީ ލީޑުގައޮ އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ވެސްޓްހޭމުން ވަނީ ލަނޑުޖަހާ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނިީ ބޮވެންއެވެ. މި މެޗުން ވެސްޓް ހޭމް އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާތޫރް މަސުއާކޫއެވެ.
މި ނަތީޖާއާއެކު ވެސް ތާވަލުގެ އެއްވަނައިގައި އަދި އޮތީ ޗެލްސީއެވެ. ޗެލްސީ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު 15 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. މިރޭ ޗެލްސީ އަތުން މޮޅުވި ވެސްޓްހޭމް މިވަގުތު އޮތީ 27 ޕޮއިންޓާއި އެކު ތާވަލުގެ ހަތަރު ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް