ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން ށ. ގޮއިދޫ ގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއްވާފައިވަނީ، ގޮއިދޫގައި މިއަދު...

04 Dec 2021 | 11:59

އެމް.ޑަބްލިޔު.އެސް.ސީ އިން ށ. ގޮއިދޫ ގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއްވާފައިވަނީ، ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު އާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްޙަކީމް އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު ޝިފާޢު އާއި، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އަދި ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމެންޓްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ގޮއިދޫ އަށް ގެންގޮސްފައެވެ. އަދި ފެނުގެ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ފެންޕްލާންޓް ބަހައްޓަން އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ %66 ވަނީ ނިމިފައެވެ.

މިމަޝްރޫޢުގައި ދަށުން ގޮއިދޫ ގައި 12.07 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

އަދި މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެއެވެ.

މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 86.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް