ފ. ނިލަންދޫގައި ބޭއްވި އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑޭލައިޓް ސީނިއަރ ޓީމު ހޯދައިފި އެވެ.
މިއީ އެރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން "އެމް.ޖޭ.އެމް އެފް.އެން،ޑަބްލިއު.ޑީ.ސީ ވޮލީބޯލް ޓޯނަމެންޓް" ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތެކެވެ.
އިއްޔެ ހަވީރު ނިލަންދޫ އިޖުތިމާޢީ މަރުކަޒު ވޮލީކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި އެސް.ޖީ.ސީ އާއި ވާދަކޮށް ޑޭލައިޓުން މެޗްކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ.
ނިލަންދޫގެ ކުދިބޮޑު ގިނަބައެއްގެ ތަރުޙީބާއެކު ކުރިޔަށްދިޔަ މުބާރާތުގެ ފައިނަލް މެޗް ނިމުމުން ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަވަނަ ހޯދި ފަރާތްތަކަށް އިނާމުތައް ޙަވާލޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނާ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ރުޤިއްޔާ އަޙުމަދާއި އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އެމް.ޖޭ.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ޙަލީމު ޙަމީދު އާއި އަތޮޅު ކައުންސިލް އިދާރާގެ އެސް.ޖީއާއި ނިލަންދޫ ކައުންސިލްގެ އެސް.ޖީ އަދި ޑަބްލިއުޑީސީގެ ރައީސާ ނަސީބާ އަލީ އެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ޑޭލައިޓް ސީނިއަރރ ޓީމުގެ ރަޝްފާ ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ އެސް.ޖީ.ސީގެ ޙައްވާ މުޙައްމަދާއި ޑޭލައިޓް ސީނިއަރގެ ޔުމްނާ އިސްމާޢިލް، އެސް.ޖީ.ސީގެ ޣަފޫރާ ޢަބްދުﷲ، ޑޭލައިޓް ސީނިއަރގެ ޙައްވާ ލީޝާ، އެސް.ޖީ.ސީގެ މިޝްކާ ޢަބްދުލް ޙަލީމް އަދި ޑޭލައިޓް ސީނިއަރގެ ރަޝްފާ އެވެ.
އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޑޭލައިޓް ޖޫނިއަރގެ ޢަރީބާ ޙަސަން ހޮވުނު އިރު، ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗުގެ މަގާމަށް ހޮވުނީ އެސް.ޖީ.ސީގެ ޢަލީ ޞޮބާޙު އެވެ. އަދި އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެސް.ޖީ.ސީގެ މެނޭޖަރ ވަޖީހު މޫސާ އެވެ.
ފެއާރޕްލޭ ޓީމަކަށް ޑޭލައިޓް ޖޫނިއަރ ހޮވުނު އިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭލައިޓް ސީނިއަރގެ ޙައްވާ ލީޝާ އެވެ.
ހުސްވި ނޮވެމްބަރ މަހުގެ 25 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގައި 4 ޓީމަކުން ވާދަކޮށްފައިވާއިރު، އެސް.ޖީ.ސީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ފުރަތަމަ ސެމީފައިނަލް މެޗު ވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގަ އެވެ.
އެހެން ނަމަވެސް ގްރޫޕް ސްޓޭޖްގައާއި ސެމީފައިނަލް ފުރަތަމަ މެޗުގައި އެސް.ޖީ.ސީއަތުން ބަލިވެފައިވީ ނަމަވެސް 2 ވަނަ ސެމީފައިނަލް މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ޑޭލައިޓް ސީނިއަރ ޓީމު އިއްޔެ ފެނުނީ މުޅިން ތަފާތު ރޫޙެއްގަ އެވެ.
ނަތީޖާއެއްގެ ގޮތުން މުޅިމެޗުގައި ވެސް ޑޭލައިޓް ސީނިއަރރޓީމު ފެނުނީ އެސް.ޖީ.ސީއަށްވުރެ ހުރިހާ ގޮތަކުންވެސް ތަފާތުކޮށެވެ.
ނިލަންދޫއަކީ މިފަހަކަށް އައިސް ދެ ޖިންސަށް އަމާޒުކޮށްގެން ވޮލީއާއި ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތައް ރާވާ ހިންގަމުން އަންނަ ރަށެކެވެ. ނަމަވެސް މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ޢާލަމީ ވަބާއާއި ގުޅިގެން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހު މުބާރާތްތަށް ނުބޭއްވި ދިއުމަށްފަހު މިހާރުމިވަނީ މުބާރާތްތައް ކުރިއަށްގެންދަން ފަށާފަ އެވެ.
ދެން އެންމެ އަވަހަށް ނިލަންދޫގައި އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވަނީ ފ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތެވެ. ޗެމްޕިއަންޓީމަށް ފައިސާގެ ރަނގަޅު ޢަދަދެއް ހުށަހަޅައިގެން ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިޑިސެމްބަރމަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް