އަފްގާނިސްތާނުގައި މަޖުބޫރުކޮށްގެން އަންހެނުން ކައިވެނިކުރުވުން ތޯލިބާން ސަރުކާރުން މަނާކޮށްފި އެވެ.
އަންހެނުންނާއި މެދު ވަރަށް ބޮޑަށް ތަފާތު ކުރުން ގެންގުޅޭ ތޯލިބާން ސަރުކާރުގެ ވެރިއެއް ކަމަށްވާ ހައިބަތުﷲ އަކުންޒާދާ ވިދާޅުވީ އެގައުމުގެ އެއްވެސް ސަރަހައްދެއްގައި އަންހެނުންނަށް މަޖުބޫރުކޮށްގެން އެމީހުންގެ ނުގަބޫލުގައި ކައިވެނި ކުރުވުމަކީ މަނާކަމެއް ކަމަށެވެ. ހައިބަތުﷲ ވިދާޅުވީ އަންހެނުންނަކީ މުދަލެއްގެ ގޮތުގައި ގޮތުގައި ދެކުން ހުއްޓާލައި އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އަންހެނުންނާއި ފިރިހެނުން ހަމަވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެންގުމާއި އެކު އަފްގާން އަންހެނުންނަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ނަމަވެސް އަދިވެސް އަންހެނުންނާއި މެދު ތޯލިބާނުން ގެންގުޅޭ ސިޔާސަތު ސާފުކޮށް ނޭނގެ އެވެ. އެއީ އަންހެން ކުދިން ސްކޫލްތަކަށް ކިޔަވަން ދިއުން މަނާކުރި ކުރުން އިއާދަ ނުކުރުމާއި ބައެއް ދާއިރާތަކުގައި އަންހެނުން ވަޒީފާ އަދާ ކުރުން މަނާ ކޮށްފައި އޮތުމުންނެވެ.
އަންހެނުން ކައިވެނި ކުރުމާއި ގުޅޭގޮތުން އާންމުކުރި އާ އެންގުމުގައި ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރެއް ހާމައެއް ނުކުރެ އެވެ. މީގެ ކުރިން އަފްގާނިސްތާނުގައި އަންހެނުންނަށް ކައިވެނި ކުރެވޭ އެންމެ ހަގު އުމުރަކީ16 އަހަރެވެ.
ފިރިމީހާ މަރުވުމުން އަނބިމީހާއަށް17 ހަފްތާ ފަހުން އަންހެން މީހާ ބޭނުން މީހަކާއި ކައިވެނި ކުރުމުގެ ހުއްދަ އޮންނާނެ ކަމަށް އާ އުސޫލުގައި ބުނެ އެވެ. ކުރިން އަފްގާންގައި އަމަލު ކުރަމުން އައި އުސޫލުގެ ދަށުން އެފަދަ އަންހެނުން ކައިވެނި ކުރަން ޖެހެނީ ފިރިމީހާގެ ބޭބެ ނުވަތަ ކޮއްކޮ އާއި ނޫނީ އާއިލާއިން ބޭނުން މީހަކާއި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުއާއި ބޮޑެތި ގައުމުތަކުން ތޯލިބާނުންގެ ސަރުކާރަށް ޕްރެޝަރު ކުރަމުންދާ ކަންކަމުގެ ތެރޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ހަމަހަމަކަމާއި އެކު އެގައުމުގެ އުޅުމުގެ ފުރުސަތު ދިނުުން ހިމެނެ އެވެ. އަދި އެމެރިކާއިން ހިފަހައްޓާފައިވާ އަފްގާންގެ ރިޒާމް ދޫކޮށްލަން ކުރާ ޑިމާންޑުގެ ތެރޭގައިވެސް އަންހެނުންނާއި ދެކޮޅު ސިޔާސަތުތައް ތޯލިބާނުން ދޫކޮށްލުން ހިމެނެ އެވެ.
ބެލެވޭގޮތުގައި އަންހެނުންނާއި ގުޅޭ ސިޔާސަތުތަކަށް ތޯލިބާނުން ދޫދެމުން މިދަނީ ބޭރު ގައުމުތަކުގައި ހުރި އަފްގާންގެ ފައިސާތައް ހޯދުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް