އެމް.ޑަބްލިޔު.އެސް.ސީ އިން ށ. ފީވަކުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއްވާފައިވަނީ، ފީވަކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަލީ ރިޒާ އާއި އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުހަންމަދު ޝިފާޢު އާއި ކަނޑިތީމު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަބްދުﷲ ޝަހީމް އަބްދުލްޙަކީމް އާއި، ށ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމް އަދި ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ޙަސަން އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމެންޓްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފީވަަކަށް ގެންގޮސްފައެވެ. އަދި ފެނުގެ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ފެންޕްލާންޓް ބަހައްޓަން އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ %33 ވަނީ ނިމިފައެވެ.
މި މަޝްރޫޢުގައި ދަށުން ފީވަކުގައި 9.18 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.
އަދި މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 49.60 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް