ދިވެހި މީޑިއާއަށް ރިޝްވަތުގެ ތުހުމަތު ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ލަދުގަންނަން ޖެހޭ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ކުރި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަން ވުމުން "މަރުހަބާ ރައީސް ޔާމީން" ނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން ސަލާމަތްވުމުން އެމަކުފާނަށް މިހާރު ހުކުމްކުރަނީ ނޫސްތަކުން ކަމަށެވެ. އަދި އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ހުރީ ސަރުކާރުގެ ޖީބުގައި ކަމަށެވެ.
މި ވާހަކަފުޅުތަކާއި ގުުޅިގެން ވިސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބުރުގެ ގާނޫނު ފާސްކޮށް މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރީ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ ލިޔާތީ ބިރުދައްކަން ނޫސްވެރިން ހައްޔަރުކޮށް ޖަލަށް ލީކަމަށް ވިސާމް ވިދާޅުވި އެވެ.
މީޑިއާ އާއި ދެކޮޅަށް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ މިފަދަ ކަންކަމާއި ގުޅިގެން ވިސާމް ވިދާޅުވީ މީޑިއާތައް ރިޝްވަތު ހިފާކަމަށް ވިދާޅުވާން ޔާމީން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ވިސާމް އަކީ ކުރީގެ ނޫސްވެރިއެކެވެ. ޔަމީންގެ ވެރިކަމުގައި އޭނާ ލިޔުއްވި ލިޔުމާއި ގުޅިގެން 29،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.
https://twitter.com/mohamedwisaam/status/1467020943390232578
ކުރީ ސަރުކާރުގައި އިދިކޮޅު ފަރާތްތައް ޕްރޮމޯޓޯކުރި ޓީވީ ޗެނަލްތައް ބްރޮޑްކާސްޓް ކޮމިޝަނުން ބޮޑެތި އަދަދުން ޖޫރިމަނާކުރިއެވެ. އަދި ބައެއް ނޫސްތައް ބަންދު ކުރަންވެސް ޖެހުނެވެ. މުޒާހަރާކަވާކުރަން އުޅުނު ބައެއް ނޫސްވެރިންނަށް ހުރަސްއަޅާ ބައެއް މީހުން ހައްޔަރުކޮށް އެތައް ނޫސްވެރިންތަކަކަށް އަނިޔާވެސް ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް