ކޯވިޑުން ދިފާއުވުމަށް ދެމުންދާ ވެކްސިންތަކުގެ ސަބަބުން އެޗްއައިވީ ޖެހުމަށް މަގުފަހިވާ ކަމަށް ބްރެޒިލްގެ ރައީސް ޖެއިރު ބޮލްސޮނާރޯ ވިދާޅުވި މައްސަލަ އެ ގައުމުގެ ސުޕްރީމް ކޯޓުން ބަލަން ފަށައިފި އެވެ.
ރައީސް ބޮލްސޮނާރޯ މިހެން ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް މެދުވެރިކޮށް ކޮށެވެ. އެ ވާހަކަފުޅު ފޭސްބުކުން މިހާރު ވަނީ ނުފެންނަގޮތް ހަދާފަ އެވެ.
އެ ވާހަކައިގަ ބޮލްސޮނާރޯ ވިދާޅުވީ ކޯވިޑާއި ދެކޮޅަށް ހަދާފައިވާ ވެކްސިންތަކުގެ ބާރާއި މޮޅުކަމާއި މެދު އޭނާއަށްއަދިވެސް ޝައްކު ކަމަށެވެ. އަދި ކޮންމެސް މެގަޒިންއެއްގެ ލިޔުމަކާއި ހަވާލާދީ ރައީސް ބޮލްސޮނާރޯ ވިދާޅުވީ އޭގައި އޮތް ލިޔުމެއްގައި ވާގޮތުން ކޯވިޑް ވެކްސިނުން އިންސާނާގެ ހަށިގަނޑުގައި އެއިޑްސް ބަލީގެ ސިންޑްރޮމްސް އަށަގަނެ ފެތުރޭލެއް އަވަސް ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ ބްރެޒިލް ރައީސް އެފަދަ ވާހަކަތަކެއް ދެއްކެވީ ކިހާ ބުރަދަން ހުރި ލިޔުމަކާއި ހަވާލާދީތޯ ކަށަވަރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފަ އެވެ. އަދި އެ ލިޔުމަކީ ބްރެޒިލް ރައީސްގެ ސަޕޯޓަރުންގެ ތެރެއިން ވެކްސިނާއި ދެކޮޅު ސައްހަ ނޫން ލިޔުން ތައްޔާރު ކުރަމުންދާ ފަރާތަކުން ލިޔެފައިވާ ލިޔުމެއްތޯ ކަށަވަރު ކުރުމަށް ކޯޓުން އަންގާފައިވެ އެވެ.
ރައީސް ބޮލްސޮނާރޯ މިހާތަނަށް ކޯވިޑް ވެކްސިން ޖައްސަވާފައެއްވެސް ނުވެ އެވެ. ފާޅުގައި ވެކްސިނާއި ދެކޮޅަށް ފެށުނީންސުރެ ވާހަކަދައްކަވާ ބޮލްސޮނާރޯގެ މަގުބޫލުކަން ކޯވިޑްގެ ހާލަތާއި ގުޅިގެން އެގައުމުގައި ދަނީ ދަށްވަމުންނެވެ.
އޭނާ ދައްކަވާ ވާހަކަތަކާއި ގުޅިގެން އެ ގައުމުގެ މަޖިލީހުގެ މެމްބަރަކު ވަނީ ރައީސް ކަމުގެ މަގާމުން ބޮލްސޮނާރޯ ދުރުކުރުމަށްވެސް ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް