ލޯނެއް ދިނުމަށް އެދި ރާއްޖެ އިން ބަންގްލަދޭޝްގެ އެހީއަށް އެދިއްޖެ

ދިގު މުއްދަތެއްގެ ތެރޭގައި ދައްކާ ހަލާސް ކުރާ ގޮތަށް ލޯނެއް ދިނުމަށް އެދި ދިވެހި ސަރުކާރުން ބަންގްލަދޭޝްގެ އެހީ އަށް އެދިއްޖެއެވެ. ބަންގްލަދޭޝް ބޭންކްގެ ގަވަރުނަރު ފަޒްލީ ކަބީރު މިކަން ހާމަ ކުރައްވާ ވ...

04 Dec 2021 | 06:14

ދިގު މުއްދަތެއްގެ ތެރޭގައި ދައްކާ ހަލާސް ކުރާ ގޮތަށް ލޯނެއް ދިނުމަށް އެދި ދިވެހި ސަރުކާރުން ބަންގްލަދޭޝްގެ އެހީ އަށް އެދިއްޖެއެވެ.

ބަންގްލަދޭޝް ބޭންކްގެ ގަވަރުނަރު ފަޒްލީ ކަބީރު މިކަން ހާމަ ކުރައްވާ ވިދާޅުވީ ރާއްޖެއަށް ލޯން ދިނުމާއި މެދު އެބޭފުޅުން ވިސްނަވަމުންދާ ކަމުގައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ބިޑްސް ކޮންފަރެންސް އޮން ޑިވޮލޮޕްމަންޓް ގައި ފަޒްލީ ވިދާޅުވީ ރާއްޖެއިން އެދިފައި ވަނީ ދިގު މުއްދަތަކަށް ދައްކާގޮތަށް ލޯނެއް ދޭން ކަމުގައެވެ. އަދި އެކަމާއި މެދު ވަރަށް އެކްޓިވްކޮށް ވިސްނަމުންދާ ކަމުގައި ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފަޒްލީ ނުދެއްވައެވެ. ރާއްޖެއިން ލޯނު އެހީ އަށް އެދިފައިވަނީ ކޮން އިރަކު ކަމެއް ހާމަ ކޮށްފައެެއް ނުވެއެވެ.

ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބަންގްލަދޭޝް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އެ ޤައުމުގެ ފޮރިން ސެކްރެޓަރީ މަސްއޫދު ބިން މޫމެން ވަނީ ފާއިތުވި ހަފްތާގައި ނައިބު ރައީސްގެ އަރިހަަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައި ވަނީ އަވަށްޓެރި އިންޑިއާ މެދުވެރިކޮށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރި ކަމުގައި އެންމެ ގިނައިން ލޯނު ތައް ނަގާފައި ވަނީ ޗައިނާ މެދުވެރިކޮށެވެ. އަދި ޗައިނާ މެދުވެރިކޮށް ނަގާފައިވާ ލޯނު ތަކަށް އެ ގައުމުން ލުޔެއް ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް