ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވީ ސަޕޯޓަރުން ކުރި ބުރަ މަސައްކަތުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ލިބިގެން މިދިޔަ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާ އެއް އަދާ ކުރެއްވީ ކުރީގެ ރައީސް ޔާމީން ދެެކެ އިންތިހާއަށް ލޯބިވާ، އިންތިހާއަށް ތާއީދު ކުރައްވާ ލޮބުވެތި ރައްޔިތުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ލިޑާޝިޕާއި މެންބަރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގަބޫލު ކުރަމުން އައީ ޔާމީން އަކީ ކުށްވެރި އެއް ނޫން ކަމުގައެވެ. އަދި ޔާމީން ޖަލުން މިނިވަން ވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނާއި އަރިސް މީހުންނަށް އަބަދުވެސް އޮތް ކަމުގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ވުމުން އެ މަނިކުފާނާއި އެންމެ އަރިސް އަބްދުއްރަހީމް އަބްދުﷲ އެކަން ފާހަަގަ ކުރައްވާ މިރޭގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕާއި އާންމު މެންބަރުންނަށް ޝުކުރު އަދާ ކުރެއްވާފައި ވެއެވެ. ނަމަވެސް ޔާމީންގެ ލީގަލް ޓީމަަށް ޝުކުރުގެ ބަހެއް ހާއްސަ ކުރައްވާފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވަނީ އެ މަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދް އެވެ. ނަމަވެސް އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ޖަމީލް މަޤާމުން ދުރުކޮށްފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޔާމީންގެ ސަރުކާރާއި ދެކޮޅުވެ، މި ސަރުކާރު ގެނައުމަށް ގަދަ އަޅާ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާރު ޖަމީލް ވިދާޅުވަނީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަ ކުރާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް