ވަށަފަރުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން ހއ.ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއްވާފައިވަނީ، ވަށަފަރުގައި މިއަދ...

04 Dec 2021 | 03:56

އެމް.ޑަބްލިޔު.އެސް.ސީ އިން ހއ.ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއްވާފައިވަނީ، ވަށަފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް، އަދި ވަށަފަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މުޢީން އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމެންޓްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ވަށަފަރަށް ގެންގޮސްފައެވެ. އަދި ފެނުގެ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ފެންޕްލާންޓް ބަހައްޓަން އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ %29 ވަނީ ނިމިފައެވެ.

މި މަޝްރޫޢުގައި ދަށުން ވަށަފަރުގައި 7.5 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

އަދި މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެއެވެ.

މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 6.1 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 2.7 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 78.92 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް