ބީއެމްއެލް އިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހަމަޖައްސަނީ

ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާއި ގުޅިގެން އިންޑިޔާގައި މަގުބޫލުކަން ހޯދާފައިވާ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުމާއި ގުޅޭގޮތުން އެންޕީސީއައި އާއި ބޭންކް އޮފް މޯ...

04 Dec 2019 | 12:07

ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާއި ގުޅިގެން އިންޑިޔާގައި މަގުބޫލުކަން ހޯދާފައިވާ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުމާއި ގުޅޭގޮތުން އެންޕީސީއައި އާއި ބޭންކް އޮފް މޯލްޑިވްސްއިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ ބައިވެރިވުމާއެކު މި އެމްއޯޔޫގައި ސޮއިކުރުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބޭންކުން މައުލޫމާތުދޭގޮތުގައި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެއެވެ. ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.  2019 ވަނަ އަހަރު ރުޕޭ ނެޓްވޯކުން އޮންލައިންކޮށް އަދި މަރޗަންޓުން މެދުވެރިކޮށް އެއް ބިލިއަން ޓަރާންސެކްޝަން ވަނީ ހަދާފައެވެ. އަދި ރުޕޭ ކާޑު ބޭނުންކުރެވޭ އޭޓީއެމް އާއި ޕީއޯއެސް އަދި ވެބްސައިޓްތައް އިތުރުކުރުމުގެ ގޮތުން ރުޕޭއިން ވަނީ އިންޑިއާ އަދި ބައިނަލްއަގްވާމީ 600 އަށް ވުރެ ގިނަ ބޭންކާއި ޕާރޓްނާޝިޕް ހަދާފައެވެ.

މި އެއްބަސްވުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ  އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް އެހީތެރިވުމަކީ އެ ބޭންކަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ނަގުދު ފައިސާ ނުގެންގުޅޭ އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި މުޖުތަމައަކާ ދިމާލަށް ދަތުރުކުރުމަށް މިއީ އިންޑިއާގެ ސަރުކާރުގެ މުހިންމު އިސްނެގުމެއް. ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް"  އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އާ އެންޕީސީއައި އާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން ތައްޔާރުކުރެވޭ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި އެ ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިޔާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި ބޭންކުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް