ހަނިމާދޫގައި ފައިސާގެ މައްސަލައެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ދެމީހަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި ރަހީނުކޮށްގެން ގެންގުޅުނު ދިވެހި ފިރިހެނަކު ސަލާމަތްކޮށް އެ މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ. ރަހީނުކޮށްފައި ހުއްޓާ ފުލުހުން ސަލާމަކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރ...

04 Dec 2019 | 11:39

ހދ. ހަނިމާދޫގައި ރަހީނުކޮށްގެން ގެންގުޅުނު ދިވެހި ފިރިހެނަކު ސަލާމަތްކޮށް އެ މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ރަހީނުކޮށްފައި ހުއްޓާ ފުލުހުން ސަލާމަކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވާގޮތުގައި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. އަދި އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ.

"ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި އަދި 24 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުންގެ ބަންދަށްވެސް 10 ދުވަސް ދީފައިވާކަމަށެވެ.

ސަލާމަތްކުރި މީހާ ރަހީނުކޮށްފައި ހުރީ ކޮންފަދަ ކަމަކާއި ގުޅިގެންކަން ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނެފައިވަނީ މައްސަލައިގެ ޝަރީއަތް ކުރިއަށްދާތީ އިތުރު މައުލޫމާތު ހާމަކުރަން ދަތި ކަމަށެވެ.

ނަމަވެސް ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެމީހާ ރަހީނުކުރީ އެމީހުންނަށް ލިބެންޖެހޭކަމަށް ބުނާ 10 ހާސްރުފިޔާއެއްގެ މައްސަލައިގާ ކަމަށެވެ.

"އެއީ އޮޅުވާލައިގެން މިކުރާ ފޯނުކޯލުތަކުން އެ މީހުންނަށް ލިބެންޖެހޭ ލާރިޔޯ، ހަކުރުވެސް ބޮއެ އުޅޭ ބައެއް ކަމަށް ވަނީ، ފައިސާ ލިބުނު މީހާ ފިލައިގެން ގޮސް އެހެން ރަށެއްގަ އުޅެނިކޮށް އެމީހުން އެމީހާ އަތުލައިގެނެގެން އައިސް ރަހީނުކުރީ" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ކިޔާދިނެވެ.

ރަހީނުކޮށްގެން އުޅުނު އިރު އޮރިޔާންކޮށް ވީޑިއޯކޮށް އަނިޔާކޮށް ކަންކަން ކުރިކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް