ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް ޕޮލިޓެކްނިކުން އެމްޑްބްލިއުއެސްސީއާއެކު އެއްބަސްވުމަކަށް

ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއުކޮށްފިއެވެ. މި އ...

04 Dec 2019 | 08:53

ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ފެން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް އެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދދާޅުވީ އިންޖިނިއަރިން އާއި މެކޭނިކަލް އަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަކީ ރަނގަޅު މުސްތަގްބަލެއް އޮތް ދާއިރާތަކެއް ކަމަށެވެ. އެކަންކަމުން ރަނގަޅު އާމްދަނީއެއްވެސް ހޯދިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ސިނާއަތްތަކަށް ބޭނުންވާ މަސައްކަތްތެރިން ހޯދުން އުނދަގޫ ކަމަށާއި އެފަދަ ދާއިރާތަކަށް ޒުވާނުންގެ މެދުގައި އޮންނަ ޝައުގުވެރިކަން ކުޑަކަން ފާހަގަކުރެވޭކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ޕޮލިޓެކްނިކްވެސް ކުރިއަށްގެންގޮސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދޭނީ ވަޒީފާތައް ދޭ ބޮޑެތި ކުންފުނިތައް ޕޮލިޓެކްނިކްގެ ކަންކަމުގައި ބައިވެރިވެގެން ކަމަށާއި އެގޮތުން ކުރާ ހޭދައަކީ އެފަރާތަށްދީގެން ކުރާ ހޭދައަކަށް ހެދުމުން އެބޭފުޅުންނަށް މިފަދަ ކަންކަން ހިންގުމަށް ބަޖެޓް އިތުރުވެގެން ދާނެ ކަމަށެވެ.

" ޕޮލިޓެކްނިކަކީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ނުހެދެންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން އެމް.ޑަބްލިޔު.އެސް.ސީއިން މިބަލަނީ އެކަމުގައި އަޅުގަނޑުމެންނަށް ދެވުނު އެހީތެރިކަމެއްދޭން.." ޢާދަމް ޢާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވީ އިންޑަސްޓްރީތަކުގައި ތިއްބެވި، ހާއްސަކޮށް ވަޒީފާދޭ ފަރާތްތައް ޓެކްނިކަލް ދާއިރާގައި ކެރިއަރ ބިލްޑް ކުރެވޭވަރުގެ ކުންފުނިތަކާއި ޕޮލިޓެކްނިކާއި އޮންނަ ގުޅުމުގެ ތެރެއިން ޕޮލިޓެކްނިކްގެ މަސައްކަތް އިތުރަށް ފުޅާވެ ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދީ، އިގްތިސާދަށް ބޭނުންވާ ވަރަށް ފަންނީ މީހުން ބިނާކޮށްދެވޭނެ ކަމަށެވެ. ކުރިއާ ހިލާފަށް ޓެކްނިކަލް އެކި އެކި ދާއިރާތަކުން ކުރިއަށްދެވޭނެ ގިނަ ފުރުސަތުތަކެއް މިހާރު އެބަ އޮތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީއާއެކު ޕޮލިޓެކްނިކުން މިއަދު ވި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކްގައި ކިޔަވާ ދަރުވަރުންނަށް ބޭނުންވާ މަސައްކަތު ތަޖުރިބާ ފަހިކޮށްދިނުމުގެ އިތުރުން ޕޮލިޓެކްނިކުން ދަސްވެނިވާ ދަރުވަރުންނަށް ޓެކްނިކަލް ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް