ހާއްސައެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބަދުވެސް އެހީވުމުގައި ލާމަސީލު ނަމޫނާ ދައްކަމުން ދަރުމަވެރިޔާ އަހްމަދު ހިސާންގެ އަގު ވަޒަންކޮށް އޭނާއަށް ލިޓަސް އޮޓޯމޮބައިލްސް އިން އައު ސައިކަލެއް ހަދިޔާކޮށްފިއެވެ.
ހިސާން އަށް ލިޓަސް އިން އައު ސައިކަލެއް ހަދިޔާކޮށްފައިވަނީ ލިޓަސްގައި އެކަމަށް ހާސްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
"އަހަރެމެންނަށް އަބަދުވެސް ފެންނާނެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގޮވައިގެން ހިސާން، މިސްކިތަށް ނޫނީ ހޮސްޕިޓަލަށް ދާ މަންޒަރު، އެކަން ހިސާން ކުރަނީކީ އެކަމަށް އަގެއް ލިބޭތީކީ ނޫން، އަދި މީހަކު ބުނެގެނެއްވެސް ނޫން، އެހެން މީހުންނަށް ހިނިތުންވުން ހޯދައިދިނުމުގެ ބޭނުމުގައި، ހިސާންފަދަ މީހުންގެ އަގު ވަޒަންކުރަން ޖެހޭ" ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ދާދިފަހުން ކޮންމެވެސް ސަބަބަކާހުރެ ހިސާންގެ ސައިކަލު ވިއްކާލަން ޖެހުނު ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެހެންކަމުން ހިސާންފަދަ ހިދުމަތްތެރިއަކަށް ހަދިޔާއެއް ދިނުމަށް ލިޓަސްއިން ބޭނުންވާތީ އައު ސައިކަލެއް ހިސާން އަށް ހަދިޔާ ކުރަން ބޭނުންވީ ކަމަށެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އަހްމަދު ހިސާން ބުނީ ފާއިތުވި 18 އަހަރު މިފަދަ ހިދުމަތް ކުރުމުގައި ދެމި ހުރި އިރު ލިޓަސް އިން އެންމެ ފުރަތަމަ މިކަން ބަލައިގަނެ ދިން ހަދިޔާއަކީ އޭނާ އެ ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ބަޔަކު ތިބި ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.
ހާއްސަ ޝުކުރެއް ލިޓަސްއަށް އަދާކުރާ ކަމަށާއި ލިޓަސްއިން ދިން ހަދިޔާއަކީ ބަޔަކަށް އޭނާއަށް ދެވޭނެ އެންމެ ރަނގަޅު އެއް ހަދިޔާ ކަމުގައިވެސް ހިސާން ބުންޏެވެ. އަދި އެ ހަދިޔާ ލިބިގެންދިޔައީ ހާއްސަ އެހީއަށް ބޭނުންނާ ފަރާތްތަކަށް ހިދުމަތް ދިނުމަށް މިފަދަ ހަދިޔާއަކަށް އެދިއެދި ހުއްޓާކަންވެސް ހިސާން ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް