ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އިންޑަވިޖުއަލް އެވޯޑް "ބެލަންޑޯ" މިއަހަރު ނޮވެމްބަރު މަހުގެ 29 ގައި ދޭން ތައްޔާރުވާއިރު، މި އެވޯޑަކީ ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފަހު ދޭ އެވޯޑެކެވެ.
1956 ވަނަ އަހަރު، ދޭން ފެށި މި އެވޯޑްގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ ވަނީ ހަ ފަހަރު މި އެވޯޑް ހޯދާފަ އެވެ. މެސީއާއި ވިދިގެން މި އެވޯޑް ދެވަނަ އަށް އެންމެ ގިނައިން ހޯދާފައިވަނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިފަހަރުގެ މި އެވޯޑާއި ގުޅިގެން މި އެވޯޑް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި މެސީ ވަނީ މިފަހަރުގެ މި އެވޯޑް ލިބޭނެ ކުޅުންތެރިންނާއި ގުޅޭ ގޮތުން އޭނާގެ ޚިޔާލް ފާޅުކޮށްފައެވެ.
އެގޮތުން ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މެސީ ވަނީ މިފަހަރުގެ ބެލަންޑޯ އެވޯޑު ލިބޭނެ ކަމަށް ބެލެވޭ ބައެއް ކުޅުންތެރިންގެ ނަންތައް ފާހަގަ ކޮށްފައެވެ. ނަމަވެސް މެސީއާއި އެންމެ ވާދަވެރި ރޮނާލްޑޯގެ ނަން އޭނާގެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.
އިންޓަވިއުގައި ވާހަކަ ދައްކަމުން މެސީ ބުނީ އޭނާ މިފަހަރުގެ އެވޯޑަށް ވޯޓް ދޭނީ އޭނާގެ ޓީމުގައި ހިމެނޭ އެމްބާޕޭ ނުވަތަ ނޭމާއަށް ކަމަށެވެ. މީގެން ކޮންމެވެސް އެއް ކުޅުންތެރިއަކަށް މެސީގެ ވޯޓް ޔަގީން ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އިތުރަށް ވާހަކަ ދައްކަމުން މެސީ ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، މިފަހަރުގެ އެވޯޑް ލިބުން ހައްޤު ދެ ކުޅުންތެރިއަކު އެބަތިބި ކަމަށާއި އެއީ ކަރީމް ބެންޒެމާ އާއި ރޮބަޓް ލެވެންޑޯސްކީ ކަމަށެވެ. ބެންޒެމާ އާއި ލެވެސްޑޯސް އަކީ ނިމި ދިޔަ ސީޒަނިގަ އާއި މިފަހަރުގެ ސީޒަނުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ ގިނަ ލަނޑުތަކެއް ވެސް ކާމިޔާބު ކޮށްފައިވާ ދެ ކުޅުންތެރިން ކަމަށް މެސީ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް