މާފުށީގައި ދީނާ ހިލާފު ކަންކަން އިތުރުވެފައިވާތީ ކައުންސިލުން އިންޒާރު ދީފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރި ކުރާ ކ. މާފުށީގައި އިސްލާމް ދީނާއި ހިލާފު ކަންކަން އިތުރުވެފައިވާތީ އެ ރަށު ކައުންސިލުން އިންޒާރު ދީފި އެވެ. މާފުށީ ކައުންސިލުން ނެރެފައިވާ...

04 Nov 2021 | 14:35

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރި ކުރާ ކ. މާފުށީގައި އިސްލާމް ދީނާއި ހިލާފު ކަންކަން އިތުރުވެފައިވާތީ އެ ރަށު ކައުންސިލުން އިންޒާރު ދީފި އެވެ.

މާފުށީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ. ދިވެހި ސަގާފަތަށް ފުށުއަރާ ފަދަ ގައިރު މުސްލިމުންގެ ނުވަތަ ބޭރު ގައުމުތަކުގެ ދީނާއި ގުޅޭ ދުވަސްތައް ފާހަގަކުރުމާއި އިސްލާމީ ރިވެތި އަހުލާގުގެ ބޭރުން ވިޔަފާރީ ބިންތަކުގައި އަމަލުކުރަމުންދާ ކަން ޝަކުވާގެ ގޮތުގައި ހުށަހަޅާމުންދާއިރު ކައުންސިލަށްވެސް އެކަން ފާހަގަ ކުރެވޭ ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ނަމާދު ގަޑިތަކުގަ އާއި ރޭގަނޑު 12 ގެ ފަހުން އަޑުގަދަކޮށް، ބާރަށް ލަވަޖެހުމާއި ކައުންސިލްގެ ހުއްދަ ނެތި ބިންތަކާ އިންވެގެންވާ މަގުތައް ބަންދުކޮށް، އެތަނުގައި ގާނޫނާ ހިލާފު ކަންކަން ކުރަމުންދާ ކަން ހިމެނެ އެވެ.

ރަށުގެ އަތިރިމައްޗާއި ހުސްބިންތަކުގައި ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމުގެ މައްސަލަތައްވެސް ފާހަގަވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ރަށުގައި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތަކުން ފީ ނެގުމާ ގުޅޭ އުސޫލާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރީ ބިންތަކުގައި ވެސް ގާނޫނާއި ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުންޏެވެ.

މާފުށީ ކައުންސިލުން ބުނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ބޭނުން ކުރުމުގެ ގަވައިދުގެ އަށްވަނަ މާއްދާއާ ހިލާފަށް ބިންތަކުގަ ކުރަމުންދާ ބޭނުންތައް ވަގުތުން ހުއްޓާލަން އަންގާ ކަމަށެވެ. ބިން ދޫކޮށްފައިވާ ބޭނުން ފިޔަވާ އެހެން ބޭނުމެއް އެ ބިމުގައި ކުރާ ނަމަ، އެކަން ލިިޔުމަކުން ކައުންސިލަށް ހުށަހަޅާ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ނަސޭހަތްތެރިވި އެވެ.

އެގޮތަށް އަމަލު ނުކޮށްފި ނަމަ، ބިން ދޫކޮށްފައިވާ އެއްބަސްވުން ބާތިލު ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް