އަފްގާނިސްތާނުގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅުކަން އދ. އިން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްދިނީ ނޫސްވެރިކަން ކުރުމަށް ހުރަސްއެޅުމައި ނޫސްވެރިންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިނެއްގައި ފާހަގަ ކުރާ ދުވަހާއި ގުޅުވައިގެންނެވެ.
މިކަން ހާމަކޮށްދިނުމުގެ ގޮތުން އަފްގާންގައި ހުންނަވާ އދ.ގެ އެސިސްޓެންސް ކޮމިޝަނުގެ ފަރާތުން ބުނީ ނޫސްވެރިންނަށް ކުރިމަތިވާ ފިއްތުންތަކާއި ހަމަލާތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެކަމަށް ވަކާލާތު ކުރާ އަފްގާން ނޫސްވެރިންތަކަކާއި އެ މިޝަންގެ ވެރިން އިއްޔެ ވަނީ ބައްދަލު ކުރައްވާފަ އެވެ.
މީގެ އިތުރުން އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓުރެސްވަނީ މިދިޔަ އަހަރު މަރާލި އަފްގާންގެ 62 ނޫސްވެރިންގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވާފަ އެވެ.
މިފަހުގެ އަހަރުތަކުގައި އަފްގާނިސްތާނުގައި މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ނޫސްވެރިންނަށް ހަމަލާދީ މަރާލުމުގެ އެތައް ހާދިސާތަކެއް ހިނގާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކޮރަޕްޝަން މައްސަލަތައް ހޯދުމާއި، މަސްތުވާތަކެތީގެ މައްސަލަތައް ހޯދުމުގެ އިތުރުން އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތައް ހޯދައި ރިޕޯޓު ކުރުމުގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިންނެވެ.
އަފްގާންގައި ހަރަކްތެރިވާ ޔުނިސެފުން ބުނީ އެ ގައުމުގައި މަރާލާ ކޮންމެ 10 ނޫސްވެރިއަކުން ނުވަ ނޫސްވެރިއެއްގެ މަރުގެ މައްސަލަ ދަނީ ނުބެލި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް