އެން.ވައި.ޖީ ފަގީޓޯ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އެސް.ޖީ.ސީ ހޯދައިފި

އެން.ވައި.ޖީ ފަގީޓޯ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ) ހޯދައިފި އެވެ. މިއީ ފ. ނިލަންދޫގައި ކެފޭގެ ޚިދުމަތް ދެމުންދާ "ފަގީޓޯ" ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަ...

04 Nov 2021 | 12:00

އެން.ވައި.ޖީ ފަގީޓޯ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ) ހޯދައިފި އެވެ.

މިއީ ފ. ނިލަންދޫގައި ކެފޭގެ ޚިދުމަތް ދެމުންދާ "ފަގީޓޯ" ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަގީޓޯއިން

އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ މިބާރާތެކެވެ.

ގިނަ ޢަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ނިލަންދޫ ވޮލީ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު އެސް.ޖީ.ސީ ކާމިޔާބު ކުރީ ފާފު ޕޮލިސް ކްލަބާއި ވާދަކޮށް 3 ސެޓް 1 ސެޓުން ނެވެ.

ހަމައެކަނި ފިރިހެން ޑިވިޜަނަށް ހުޅުވާލައިގެން އޮކްޓޯބަރ 26 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި 4 ޓީމެއް ވާދަކޮށްފައި ވެއެވެ.

ފ. އަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމާއި ހަނދާނީލިޔުން ދިނުމުގެ ރަސްމިއްޔާތުވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޖީ.ސީގެ ޢަސީލް އެވެ.

މުބާރާތުގެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ފާފު ޕޮލިސް ކްލަބުގެ ފަރުހާދު އިސްމާޢީލް، އެސް.ޖީ.ސީގެ ޔާނިއު، ކެފޭ ޑެލީޝިއާގެ ޢަލީ ސޮބާޙު، އެސް.ޖީ.ސީގެ އަސީލް، ފާފު ޕޮލިސް ކްލަބުގެ އިބްރާހިމް ނަދީމު އަދި އެސް.ޖީ.ސީގެ ޔަޒްދާން އެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ގަދަ ހިތްވަރު ހޮވުނު އިރު، އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެސް.ޖީ.ސީގެ މެނޭޖަރ ވަޖީހު މޫސާ އެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ފާފު ޕޮލިސް ކްލަބުގެ ކޯޗު އަޙުމަދު އާދަމް ހޮވުނުއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޖީ.ސީގެ އަސީލް އެވެ.

މިމުބާރާތަކީ ހުނަރުވެރި ވޮލީ ކުޅުންތެރިން ނިލަންދޫގައި އުފެއްދުމުގެ މަޤުޞަދުގައި ފަގީޓޯއިން އިސްނަގައިގެން ކުރިޔަށް ގެންދަންފެށި މުބާރާތެކެވެ.

މިފަހަރުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ނިލަންދޫގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ) އިން ނެވެ.

ފައިނަލްގައި ވާދަކުރި 2 ޓީމުގެ އިތުރުން ދެން މިމުބާރާތުގައި ވާދަކޮށްފައިވަނީ ގަދަ ހިތްވަރާއި ކެފޭ ޑެލީޝިއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް