ކޮޕް26ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް، ސްކޮޓްލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށްދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަ...

04 Nov 2021 | 11:31

ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށްދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ޤައުމުތަކުން، ޒިންމާއަދާކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ވަކާލާތުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް26ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރ، ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިން ހަމަޖައްސަވާފަ އެވެ.

ކޮޕް26ގެ ވަރލްޑް ލީޑަރސް ސަމިޓްގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ސުވާލުކުރައްވާ ފައެވެ.

މި ސަމިޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އިއްޒަތްތެރިންނާ ޙިއްޞާކުރައްވާފަ އެވެ. އަދި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ޙިއްޞާކުރައްވަމުން ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނުއަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭކަމަށާ މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަޤީޤަތްކަމުގައިވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ބައްދަލުކުރައްވާފަ އެވެ.

އޭގެ އިތުރުން، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)- ކޮމަންވެލްތު ހައި-ލެވެލް ޕެނަލް ޑިސްކަޝަން އާއި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)ގެ އެނަރޖީ ޓްރާންސިޝަން އެކްސެލެރޭޓަރ ފައިނޭންސިންގ ޕްލެޓްފޯމް (އީ.ޓީ.އޭ.އެފް) އިފްތިތާޙުކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތާ އަދި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާފައި ވާއިރު މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު މި ސަމިޓުގައި ބައިވެރިވެވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.

ކޮޕް26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންޑަނަށް ދަތުރުކުރައްވައި، ފަތުރުވެރިކަމާއި ދަތުރުފަތުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓް ކަމުގައިވާ ވަރލްޑް ޓްރޭޑް މާކެޓް (ޑަބްލިއުޓީއެމް) 2021އަށް ޒިޔާރަތް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް