ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި ހ.ލައިޓްނައިޓް/ އިސްމާއިލް ޔާފިސުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ތިން ދައުވާއެއް އުފުލައިފި އެވެ.
އޭނާ ހައްޔަރު ކުރީ މިދިޔަ އޮގަސްޓު މަހު23 ވަނަ ދުވަހު ރ. މީދޫއިންނެވެ. ޔާސިފް ހައްޔަރު ކުރީ، ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި “[ނަޝީދު] ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،” ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ. އަބޫޖަހުލު ގަތުލުކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝާފިއު ވިދާޅުވީ ޔާސިފް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓުތައް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ތިން ދައުވާއެއް ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމެވެ.
މި ދައުވާތައް އޭނާ އާއި ދެކޮޅަށް ސާބިތުވެއްޖެ ނަމަ ޖުމްލަ 26 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް