މިއަދު ކޮވިޑްގަ މަރުވީ ބަލާނެ މީހަކު ނެތިގެން މަރުކަަޒަށް ގެންދިޔަ އަލިފުތު

މިއަދު ކޮވިޑު ޖެހިގެން މަރުވީ ބަލާނެ މީހަކު ނެތިގެން ގއ. މާމެންދޫން ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދިޔަ އަލިފުތުކަން އެނގިއްޖެ އެވެ. އ...

04 Nov 2021 | 10:47

މިއަދު ކޮވިޑު ޖެހިގެން މަރުވީ ބަލާނެ މީހަކު ނެތިގެން ގއ. މާމެންދޫން ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދިޔަ އަލިފުތުކަން އެނގިއްޖެ އެވެ.

އަލިފުތަށް ކޮވިޑް ޖެހުނުކަން އެނގިފައިވަނީ ގުރައިދޫ މަރުކަޒުން ކޮވިޑްގެ ކޭސްތަކެއް ފެނިގެން ޓެސްޓް ކުރުމުންނެވެ.

އޭނާ އަކީ ހައި ރިސްކު ކެޓަގަރީގެ މީހަކަށް ވާތީވެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އޭނާ ވަނީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ގެން ގޮސްފައެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ހާލު ދެރަވެ އޭނާ ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 244 ވަނަ މީހާއެވެ.

އަލިފުތަކީ އުފަން ދަރިއެއް ހުންނަ މީހެއް ނޫނެވެ. އަދި އޭނާގެ އަންހެނުންވަނީ މީގެ 8 ވަރަކަށް އަހަރު ކުރިން ނިޔާވެފައެވެ. އޭރުއްސުރެ އަލިފުތު ބަލަމުން ދަނީ އަންހެން ދޮން ދަރިއެކެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން އިތުރަށް ބެލެން ނެތުމުން އަލިފުތުގެ އެއްބަނޑު އެއްބަފާ ދެ އަންހެނުންނަށް އެންގިއެވެ. ނަމަވެސް އެދެމީހުންގެ ވެސް ސިއްހީ ހާލަތު ހުރި ގޮތުން އަލިފުތު ބަލައިދެވެން ނެތެވެ.

އެހެންކަމުން، މާމެންދޫ ކައުންސިލުން މިދިޔަ އަހަރު ވަނީ އުމުރުން 81 އަހަރުގެ އަލިފުތު ބަލައިދޭނެ މީހަކު ހޯދަން އިއުލާނު ކޮށްފައެވެ. ނަމަވެސް އޭނާ ބަލައިދޭނެ މީހެއް ނުވުމުން ޖެންޑާ މިނިސްޓްރީ އިން ވަނީ މިއަހަރުގެ ޖެނުއަރީ މަސްތެރޭގައި އޭނާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފައެވެ.

އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަލިފުތު ބަލަހައްޓާފައި ވަނީ ދައުލަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް