ދުނިޔޭގެ ބާރުތަކާއި އެކު އީރާންގެ ނިއުކްލިއާ މަޝްވަރާތައް މިމަހު 29ގަ ފަށަނީ

އިރާން ނިއުކްލިއާ މަޝްވަރާތައް މިމަހު 29 ވަނަ ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ފެށުމަށް ނިންމައިފި އެވެ. އީރާންގެ ނިއުކްލިއާ މަޝްވަރާތަކާ ބެހޭ އިސް މަންދޫބު އަދި އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު...

04 Nov 2021 | 10:13

އިރާން ނިއުކްލިއާ މަޝްވަރާތައް މިމަހު 29 ވަނަ ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ފެށުމަށް ނިންމައިފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްވަރާތަކާ ބެހޭ އިސް މަންދޫބު އަދި އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު އަލީ ބާގިރީ ކަނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުއްޓިފައިވާ އެ މަޝްވަރާތައް އަލުން ފެށުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެ މަޝްވަރާތައް ހުއްޓުނީ އީރާންގެ ރިޔާސީ އިންތިހާބާއި ގުޅިގެން މިދިޔަ ޖޫން މަހު އެވެ.

ބާގިރީ ވިދާޅުވީ އަލުން މަޝްވަރާތައް ފަށަން ތާރީހެއް ކަނޑައެޅީ ވިލާތުގެ އިއްތިހާދުގެ މެދުވެރިޔާ އެންރިކް މޯރާއާ އެކުގައި ފޯނުން ކުރެއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ. އޭނާ އެ މަޝްވަރާ ސިފަކުރެއްވީ އެއީ އީރާނާ ދެކޮޅަށް އަޅާފައިވާ ލާއިންސާނީ އަދި ޣައިރު ގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާ ބެހޭ މަޝްވަރާތަކެއްގެ ގޮތުގައި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރު ގައުމުގެ އިތުރުން، ޖަރުމަން ވިލާތާއި ވިލާތުގެ އިއްތިހާދެވެ. އެކަމަކު އެ މަޝްވަރާތަކުން 2018 ވަނަ އަހަރު އެމެރިކާ ވަނީ ވަކިވެފަ އެވެ.

އަދި އޭގެ ފަހުން އީރާނަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެމެރިކާގެ ވެރިކަމާއި ޖޯބައިޑަން ހަވާލުވެ، އީރާގެ ވެރިކަން ބަދަލުވި ފަހުން އެމެރިކާއިން ވަނީ މި މަޝްވަރާތައް ވިހާވެސް އަވަހަކަށް ފެށުމަށް އީރާނަށް ގޮވާލާފަ އެވެ.

އޭގެ ޖަވާބުގައި އީރާނުން ބުނެފައިވަނީ ގައުމުތަކާއި އެކު ގުޅުން ބަދިކުރުމަށް ކޮންމެ ދާއިރާއަކުން މަޝްވަރާއަށް ދާން ޖެހުނަސް ތައްޔާރަށް އޮތް ކަމަށެވެ. އަދި އިރާނާއި ދެކޮޅަށް އެމެރިކާ އާއި އެހެން ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް