ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ހިނގާ ހަރަދުތަކަށް ދައުލަތުގެ ބަޖެޓުން ކުރަމުންދާ ހަރަދު އެމަނިކުފާނުގެ މުސާރައިން އަނބުރާ ނަގަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދި އިޔާޒު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ނަޝީދު ޖެން ގައި ހުންނެވުމުގެ ހަރަދު ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީން ކަމަށާއި ހަރަދުތަކުގެ ތަފްސީލް ދެވެން ނެތް ކަމަށް އެ މިނިސްޓްރީން މިއަދު މީޑިއާގައި ބުނުމުންނެވެ. މިނިސްޓްރީން ބުނެފައިވަނީ ފިނޭންސްގެ ބަޖެޓުން ނަޝީދުގެ ހުންނެވުމަށް ހަރަދުކުރަން ނިންމީ ސަލާމަތީ ކަންކަން ވެސް ހިމެނޭތީއާ އެކު ކުރިން ބަޖެޓްކޮށްފައި ނެތް ހަރަދުތަކަކަށް ވާތީ ކަމަށެވެ.
މިކަމާއި ގުޅިގެން ހިޔާލުފާޅު ކުރައްވަމުން ޑރ. އިޔާޒު ޓުވީޓާގައި ވިދާޅުވީ އެއީ ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ފައިސާ ނަޝީދުގެ މުސާރަ އާއި އިނާޔަތުން ނަގަން ޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ނަމުގައި ރަޢްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރެވިގެން ނުވާނެ ކަމަށެވެ. އަގުބޮޑު ހޮޓަލެއްގައި ބެހެއްޓުމަށްވުރެ ސިފައިންގެ މަރުކަޒުގައި ނަޝީދު ބެހެއްޓެވި ނަމަ ރައްކާތެރިކަން ބޮޑުވެފައި ހަރަދު ކުޑަވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ
މިކަމާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވީ މިކަމަށް ދައުލަތުން ކުރަމުންދާ ހަރަދަކީ ސިއްރު ނުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަށް ވާގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑީއާގައި ހިޔާލުފާޅު ކުރި ގިނަ މީހުން ވަނީ ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ހަރަދު ކުރާތީ ފާޑުކިޔާފަ އެވެ. އެގޮތުން ނަޝީދަށް ހުންނެވޭނަމަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ ހޮޓަލުގައި ހުރެވެން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް