ރަސްފަރީ ފަރަށް ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ އިސްތިއުނާފު ކޮށްފި

ކ. ރަސްފަރީ ފަރަށް އެރި އާގު ބޯޓުން އެ ސަރަހައްދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގި އެންގުން އިސްތިއުނާފ...

04 Nov 2021 | 08:16

ކ. ރަސްފަރީ ފަރަށް އެރި އާގު ބޯޓުން އެ ސަރަހައްދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގި އެންގުން އިސްތިއުނާފު ކޮށްފި އެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ “ނެވިއޯ އަމަރީލިސް” ނަމަކަށް ކިޔާއެ ބޯޓު ފަރަށް އެރީ މިދިޔަ އޮގަސްޓު މަހުގެ19 ވަނަ ދުވަހު އެވެ. 623 ފޫޓުގެ އެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ.

މި މައްސަލައިގަ ތިމާވެއްޓަށް ލިބުނު ގެއްލުމާއި ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމަށް ފަހު އީޕީއޭއިން ބުނީ100 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމީ ގާނޫނުގެ ދަށުން ކުރެވެން އޮންނަ އެންމެ މަތީ އަދަދަކީ އެއީ ކަމަށް ވާތީ އެވެ.

އެ އަދަދުން ޖޫރިމަނާ ކުރުމުން އެ ނިންމުން ބޯޓުގެ ވެރިފަރާތުން ވަނީ އިސްތިއުނާފު ކުރަން އެންވަޔަރަމެންޓް މިނިސްޓަރަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިކަން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.

މިފަދަ މައްސަލަތައް އިސްތިއުނާފު ކުރުމުގެ ހައްގަކީ މައްސަލަ ރައްދުވާ ފަރާތަށް ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެކެވެ.

އެ މައްސަލައިގަ ފަރަށް ލިބުނު ގެއްލުން ބަލާނުނިމެނީސް ބޯޓަށް ނުފުރޭނެ ކަމަށް އީޕީއޭއިން އޮތީ އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް