ރާއްޖެއަށް އެތެރެ ކުރަން އުޅުޅު 18 ކިލޯގެ މަސްުވާތަކެއްޗާއި އެކު ބްރެޒިލްގެ ދެމީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ބްރެޒިލް ދެ މީހުން ކަމަށްވާ އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ އަދި 37 އަހަރުގެ ނައިރު ނޫނޭސް ޑިސޫޒާ އެވެ. މި ދެ މީހުން ހައްޔަރު ކުރީ އިއްޔެ އެވެ.
މީގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ ކްރިސްޓިއާނޯގެ ފޮށިންނެވެ. މި މައްސަލައިގަ ނައިރު ވަނީ އޭނާގެ އެއްވެސް އެއްޗެއްގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފަ އެވެ.
ނައިރުގެ އެ ވާހަކަތަކަކީ ތެދެއް ކަމަށް ކްރިސްޓިއާނޯ ވަނީ އެއްބަސްވެފަ އެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުން ކްރިސްޓިއާނޯގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އަދި ނައިރުގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެ އެވެ.
އެ ދެ މީހުން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބަލައިފަ އެވެ. އަދި ބަންދުގައި ބަހައްޓައިގެން މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ.
މި މައްސަލައާއި ގުޅޭ މައުލޫމާތު ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެ އެވެ.
މީގެ ކުރިންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ބްރެޒިލް ރައްޔިތުން ކަސްޓަމްސްއިން ހިފަހައްޓާފައިވެ އެވެ. އެންމެ ފަހުން އެ ގައުމުގެ ބަޔަކު ހިފެހެއްޓީ މިދިޔަ އޮގަސްޓު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް