ކޯވިޑް-19 އާއި ގުޅިގެން އަތޮޅުތެރެއަށް ދަތުރު ކުރުމުގައި މިދިޔަ މަހުން ފެށިގެން ދީފައިވާ ބޮޑެތި ލުއިތަކާއި އެކު އަނެއްކާވެސް ކޯވިޑް ކޭސްތައް އިތުރުވާން ފަށައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރާ މައުލޫމާތުތަކުގައި ދައްކާގޮތުން މާލޭގައި ޕޮސިޓިވިޓީ ރޭޓު އުޅެނީ ދެ ޕަސެންޓުގައި އެވެ. އެވަރުން ދުވާލަކު ގާތްގަނޑަކަށް ޕޮސިޓިވްވަނީ 25 ވަރަށް މީހުންނެވެ.
އެކަމަކު ޖުމްލަ ޕޮސިޓިވް ޕަސެންޓޭޓު ވަނީ ފަސް ޕަސެންޓަށްވުރެ އިތުރުވެފަ އެވެ. މިއީ މިދިޔަ ހަތަރު މަސްތެރޭގައި ޕޮސިޓިވިޓީ ރޭޓް އެންމެ މައްޗަށް ގޮސްފައިވާ ވަރެވެ.
އަތޮޅު ތެރެއިން މިދިޔަ މަހެއް ހާ ދުވަހު އާންމުކޮށް ކޮންމެ ދުވަހަކު 100 އާއި ގާތް ކުރާ އަދަދަކަށް މީހުން ޕޮސިޓިވް ވާއިރު އެ އަދަދު ބައެއް ދުވަސް ދުވަހު 150 ށްވުރެ މައްޗަށް އަރަ އެވެ.
އަތޮޅުތެރޭގެ ކޯވިޑް ހާލަތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮސިޓިވްވަމުންދާ ކ. ގުރައިދޫގައި މިދިޔަ މަހުގެ ނިޔަލަށް ކޯވިޑް ޖެހިފަ ތިބި 128 މީހުން އެބަތިއްބެވެ. އެ ރަށުގައި ހަލުވިކަމާއި ކޯވިޑް ފެތުރެމުން ދަނީ ދައުލަތުގެ ބެލުމުގެ ދަށުން ދުވަސްވީ މީހުން ބަލަހައްޓާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެވެ.
އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނައި ށ. ގޮައިދޫގައި 15 ޕޮސިޓިވް ކޭސް އޮތް އިރު މ. ދިއްގަރުގައި 20 އަށް ގިނަ މީހުން ކޯވިޑް ޖެހިފަ އެބަތިއްބެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި 23 ރަށެއް އެބައޮތެވެ.
ރާއްޖޭގަ ޖުމްލަ ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު 2،000 އާއި ގާތް ކުރާ އަދަދަކަށް މީހުން ކޯވިޑް ޖެހިފަ އެބަތިއްބެވެ. އޭގެ ތެރެއިން 33 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް