ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.
އެ ޕާޓީން މިކަމަށް ގޮވާލާފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރ ގްރޫޕް – “ސީ.ސީ.އާ.ރް.ސީ އެކުވެރިންގެ ދަރުބާރު” އަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ފޮނުވި އެ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމް އެ ޢަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައިކަމަށް މި ޕާޓީއަށް ޤަބޫލުކުރެވޭތީއާއި، ޢާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުންދާކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލީސް ސަރވިސްއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ގޮވާލާކަމަށެވެ.
"ޢަދުލް އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ޙާލު، އެ ނިޒާމުގެ ހައިބަތާއި، ޤަދަރު ޙިމާޔަތްކުރުމަށާއި، ކޯޓުތަކުގެ މައްޗަށް ޢާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަޚްލާޤާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ލާޒިމެވެ. އަދި ފަނޑިޔާރުންނީ ޒާތީ ތަޢައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ޢަމަލާއި ބަސް، އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް މެއެވެ." އެމްޑީޕީގެ ނޫސްޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ތަޢައްސަބު ކުރިއަށް ނެރެ، ވަކި ފަރާތަކަށް ނުޖެހުމުގެ ސިފަ ނަފީވާ މަގުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމް ހިންގާފައިވާ މި ޢަމަލުގެ ތަޙްޤީޤު ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ހިންގުމަށް ނިންމާފައިވާކަން މި ފުރުސަތުގައި އެ ޕާޓީން ފާހަގަކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް