ޑީޖޭއޭއިން އުޅެނީ ނިޒާމު ޕެރަލައިޒު ކުރަން: އުއްތަމަ ފަނޑިޔާރު

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އުޅެނީ އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ޕެރެލައިޒް ކުރުމަށް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބަޔާނެއް ނެރުއްވައިފި...

04 Nov 2019 | 13:53

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އުޅެނީ އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ޕެރެލައިޒް ކުރުމަށް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބަޔާނެއް ނެރުއްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމް ވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް ކޯޓުތަކުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ޑީޖޭއޭއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނުގެ ބަޔާނުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާނެ ގޮތަށް ނިޒާމު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތް ހެދުން ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދައިން އަމަލުކުރުމަކީ އެކަމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރުކެނޑި ގާނޫނުއަސާސީން އެކޯޓަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެ މުޅި ޝަރުއ ދާއިރާއާ ޝަރުއީ ކޯޓުތައް ނިކަމެތިކޮށް ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅާ ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބު އަދާ ކުރުމަށް ދަތިކޮށް، އަދުލު އިންސާފުގެ މުޅި ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން ހިންގޭ ގައިރު ގާނޫނީ އަދި ގައިރު ދުސްތޫރީ އަމަލުތަކެއް ކަމަށެވެ.

އެމަނިކުފާނުގެ ބަޔާނުގައި އުއްމަތަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ހިނގާ ތަނެއްގެ ގޮތުގައި ނުހެދޭނެ ކަމަށެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެ ގާނޫނުއަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމި އޮތްހާ ދުވަހަކު ހިނގާނެ ކަމެއް ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބަޔާނުގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުންނަކީވެސް ގާނޫނުއަސާސީއާ ގާނޫނުތައް ނެގެހެއްޓުމުގެ ދުސްތޫރީ ޒިންމާ އަދާކުރުމަށް ހުވާ ކޮށްގެން ތިބޭ ފަރާތްތަކެއް ކަމަށެވެ. ގާނޫނުއަސާސީ މާނަކޮށް ތަފްސީރު ކުރުމުގެ ދުސްތޫރީ އަދި ގާނޫނީ ހައިސިއްޔަތެއް ނެތް ފަރާތްތަކުން ހިތަށް އެރި ގޮތަކަށް މާނަކޮށް އޭގެ ހުރުމަތާއި ހައިބަތު ގެއްލުވާލަން އޮތް އެއްޗެއް ކަމުގައި ވެގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 155 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއިން އެނގޭ ގޮތުގައި ޝަރުއީ ކޯޓުތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ ހިންގުމާއި އިދާރީ ކަންކަމާ ބެހޭ ގަވާއިދުތައް ހެދުމަކީ ކޯޓުތަކަށް އޮންނަ ބާރެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާ ބެހޭގޮތުން އެއްވެސް އުސޫލެއް ހެދުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމަކީ ޖޭއެސްސީ އަށް ވިޔަސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވިޔަސް އަދި ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނުވަތަ އިދާރާއަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވާނީ ކޯޓުތަކަށް ކަމަށް ބުނެފައިވީ ނަމަވެސް މި މާއްދާގެ ބާރު ކެނޑޭ ގޮތަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާއި، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތިކުރުމުގެ ބީދައިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތްބާނަމުންދާ ކަމަށެވެ.

މީގެއިތުރުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ކޯޓުތަކުގެ އިދާރީ އެންމެހައި ކަންކަން އެ ޑިޕާޓްމެންޓުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ. ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމުގެ ބާރެއް އެއްވެސް ގާނޫނަކުން ޖޭއެސްސީއަށް ވެސް ޑީޖޭއޭއަށް ވެސް އަދި އެހެން ކޮމިޓީއަކަށް ވެސް ދީފައިނެތް ކަމަށެވެ.

ޑީޖޭއޭއަކީ ކޯޓުތަކުގެ އާންމު އިދާރީ ނިޒާމުގެ ކަންކަން ސެންޓްރަލް ލެވެލްގައި ބަލަހައްޓައި ސުޕްރީމް ކޯޓުގެ އިރުޝާދާއި ޖުޑީޝަލް ކައުންސިލްގެ ސިޔާސަތުތަކާ އެއްގޮތަށް އަދި ކޯޓުތަކުގެ މަޝްވަރާގެ މަތިން ކޯޓުތަކުން އެދޭ ގޮތެއްގެ މަތިން އަދާކުރުމަށްޓަކައި އުފައްދާފައިވާ އިދާރާއެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެއްވެސް ކޯޓެއްގެ ކޯޓް ލެވެލް އެޑްމިނިސްޓޭޝަންގެ އެއްވެސް ޒިންމާއެއް އެ އިދާރާއާ ހަވާލު ކުރެވިފައިނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް