ދީބާޖާ މައްސަލައިގާ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށްފިނަމަ ޓްރާންސްޕޯޓު މިނިސްޓަރ ޢައިޝަތު ނަހުލާ ސިވިލް ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އާއެކު ހަދާފައިވާ އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުން 2014 ވަނަ އަހަރު މިގޮތަށް ހުކުމްކޮށްފައިވާ އިރު، މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުންވެސް ވަނީ އެ ހުކުމް ދަމަހައްޓާފައެވެ.
އެ ފައިސާ ދައްކާނެ ގޮތަކާއިމެދު ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް އެދުމުން ދަޢުލަތަށް ދެ ހަފްތާގެ މުއްދަތެއް ސިވިލް ކޯޓުން މިދިޔަ މޭ މަހު ވަނީ ދީފައެވެ.
ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަމުގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ ކޯޓުން މިހާރު ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރ ސިވިލް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައެވެ.
އެ ކޯޓުން ބުނީ ޓްރާންސްޕޯޓް މިނިސްޓަރު ހާޒިރުކުރާނެ ކަމަށް އެންގީ ދީބާޖާއާ އެކު ދައުލަތުން ހެދި އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ރައްދުވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް