ދޮގު ޚަބަރު ހުއްޓުވުމަށް ހޯމް މިނިސްޓްރީން އިސްނަގައިގެން ކެމްޕޭނެއް ފަށައިފިއެވެ.
"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" މިޝިޢާރުގެ ދަށުން ފެށި މިކެމްޕޭނު މިއަދު ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ޙަސަން ހަމީދެވެ.
މި ކެމްޕޭނު ލޯންޗުކުރުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ދުނިޔޭގެ މިސްރާބު އަމާޒުކުރުމުގެ މައިގަނޑު އަސާސަކީ މީޑިޔާކަމަށްވާއިރު، މުޅި މުޖުތަމައުގެ އަމަލުތަކާއި، ވިސްނުމާއި ފިކުރުގެ އިތުރުން ވިޔަފާރި ކުރުމާއި، ގައުމުގެ ސިޔާސަތުތައް ބައްޓަންވެގެންދަނީ ފެތުރިގެންދާ ހަބަރުތަކާ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ފެތުރޭ ހަބަރުތަކަކީ ދޮގު ހަބަރާއި މައުލޫމާތުކަމަށް ވެއްޖެނަމަ ދެން މުޅި ދުނިޔެއަށް އައިސްފާނެ ބަދަލާމެދު ވިސްނަންޖެހޭކަމަށާއި، އެފަދަ ހަބަރުތައް ފެތުރުން ހުއްޓުވަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ކެންޕޭނުގެ އެމްބެސެޑަރުންގެ ގޮތުގައި 7 ބޭފުޅަކު މިނިސްޓްރީއިން ކަނޑައަޅައިފައިވެއެވެ. މި ކެމްޕޭނުގެ އެމްބެސެޑަރުންނަކީ ވީމީޑިޔާގެ ސީއީއޯ މުޙައްމަދު އާސިފްއާއި، ޕަބްލިކް ސަރވިސް މީޑިޔާގެ ބޯޑް މެމްބަރު މަރިޔަމް ވަހީދާއާއި، މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ މުޙައްމަދު ހަމްދޫނާއި، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ޝަމްޢާން ޝާކިރުއާއި، ކުޅިވަރު ނޫސްވެރިޔާ އަބުދުﷲ އަޒްމީންއާއި، ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަންއާއި، ވަގުތު އޮންލައިންގެ ހުސެއިން އަރުބާން ފައްވާޒްއެވެ.
މި ކެމްޕޭންގެ ދަށުން މީސް މީޑިއާގެ މަންސަތަކުގެ ޒަރިއްޔާއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާނެއެވެ. އެގޮތުން އެމްބެސެޑަރުން ހިމަނައިގެން ތައްޔާރުކުރާ ވީޑިއޯ ސްޕޮޓާއި، ވަކިވަކި ފޮޓޯ ޕޯސްޓަރުންތަކުގެ ޒަރީޔާއިންވެސް މަސައްކަތްކުރާނެއެވެ. އަދި ދާއިރާގެ އެހެން ފަރާތްތަކުގެ ބައިވެރިވުންވެސް ކެމްޕެއިންގެ ތެރޭގައި ހޯދާނެއެވެ.
ކެމްޕެއިން ކުރިއަށްގެންދާނީ އަންނަ އަހަރުގެ މާރިޗް ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް