ބަޖެޓު 2020: ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ. އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވަނީ 37.5 ބިލިއަން ...

04 Nov 2019 | 07:24

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވަނީ 37.5 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ. މިއީ މިއަހަރަށް ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

"ދިވެހިންނަށް ގުދުރަތީގޮތުން ރޯދި ކުރައްވާފައިވާ މުއްސަނދި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެމެހެއްޓެނިވި، ފުދުންތެރި އަދި ޖަޒީރާވަންތަ ތަރައްޤީގެ މަންޒިލަކާ ހަމައަށް ވާސިލްވާން ސަރުކާރުން ވާނީ ސިޔާސަތުތަކެއް އެކުލަވާލާފަ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ސިޔާސަތަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، މައުނަވީ ގޮތެއްގައި ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިނުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިގޮތުން، ޖެނެރަލް ލެޖާގެ ކޯޑު ލެވަލްގައި ބަޖެޓުކޮށްގެން ކައުންސިލްތަކަށް ފައިސާ ދޫކުރުން ހުއްޓާލައި، ކައުންސިލްތަކަށް ޚަރަދުކުރުމުގައި އިތުރު މިނިވަންކަން ލިބޭގޮތަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ %40 އެވެ.

މިގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާއިރު ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓު ދިނުމާއި ފަސް މިލިއަނަށްވުރެ ކުޑަނޫން މަޝްރޫއުތައް ކައުންސިލްތަކަށް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް