ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ތަހުގީގު ކުރަން ނިންމައިފިއެވެ. ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ...

04 Nov 2019 | 07:15

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ތަހުގީގު ކުރަން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ކުއްލި ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނީ މި ބައްދަލުވުމުގައި ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖޭއެސްސީން ނުދެއެވެ.

ޖޭއެސްސީން ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ރޭ ވަނީ ފެންމަތިވެފައެވެ.

ހައިލަމް މިގޮތަށް ތަހުނިޔާ ވިދާޅުވެފައިވާ ފޮޓޯއެއް ޕޯސްޓުކުރީ ކްރިމިނަލް ކޯޓުގެ ވައިބަ ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ. އެ ގްރޫޕަކީ ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި މެސެޖެކެވެ.

ގާޒީ ހައިލަމް ފޮނުއްވި ކުރެހުމުން ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

އެ ކުރެހުމުގައި ލިޔެފައިވަނީ "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެނެވެ.

ހައިލަމްގެ ތަހުނިޔާގެ މި މެސެޖު ލީކުވެފައިވާއިރު މާދަމާއަކީ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުން އޮންނަ ދުވަހެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް