އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމައިފި އެވެ.
ސަރުކާރުން މިއަދު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ރާއްޖެ އެތެރެކާ ކުރާ ކޮންމެ ސިގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާ އިން ތިން ރުފިޔާ އަށް ބަދަލު ކުރުމަށެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2017ވަނަ އަހަރުއެވެ.
ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގައި ބުނެފައިވާގޮތުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2020 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 1.1 ޕަސެންޓް އިތުރު އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓު ފޫބެއްދުމަށްޓަކައި 4.6 ބިލިއަން ރުފިޔާ ބޮންޑު ވިއްކުމަށް ވަނީ ނިންމާފައެވެ. އެއީ ބަޖެޓުގެ ޑެފިސިޓު ފޫ ބެއްދުމަށެވެ. އެގޮތުން ފިނޭންސުން ބުނި ގޮތުގައި ޑެފިސިޓްވާ ބައި ފޫބެއްދުމަށްޓަކައި ޑޮމެސްޓިކް މާކެޓްގައި ޓީ ބިލާއި ޓީ ބޮންޑު ވިއްކާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ހޯދައި ނުވަތަ އެ ފަރާތްތަކަށް ސޮވެރިން ބޮންޑު ވިއްކަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާފައިވާ ލޯނުތަކުން ތިން ބިލިއަން ރުފިޔާ ޑިސްބާސް ކުރާނެ އެވެ. އަދި ބޭރު ފަރާތްތަކަށް ވިއްކާ ބޮންޑާއި ސުކޫކުން 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓް ހަގީގަތަކަށް ހެދުމަށް އެއްކޮށް ބޭނުން ކުރެވޭނެ ކަމަށް ފިނޭންސުން ބުނެ އެވެ. ހަމައެއާއެކުގައި ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލާއި ބޮންޑުން 564 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ފަސް ކަމެއް ރާވާފައިވާއިރު އަލަށް ރާވާފައިވާ ކަންކަމުން ދައުލަތުން 2.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުމަށް ނިންމާފައިވާއިރު އޭގެއިން ބެލެވެނީ 714 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށެވެ. އިންކަމް ޓެކްސް އާއި އެއާ ގުޅޭ އެހެން ޓެކްސްތަކުން 706 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުން 319 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓް ލިބޭނެ ކަމަށް ބެލެވެނީ 290 މިލިއަން ރުފިޔާ ކަމަށް ދައުލަތުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް