މިއަދަކީ ވެސް އާދައިގެ ދުވަހެކެވެ. ހެނދުނު ހޭލައިގެން ބަދިގެއަށް ދިޔައިރު ރޭގައި ކެއި ތަށިތައް އަދިވެސް ހުއްޓެވެ. ހުރިހާ ތައްޓެއް ސިންކަށް އެޅުމަށްފަހު ސައި ބޯން ބިސްގަނޑެއް އަޅައިގެން ކާން ފެށީމެވެ. ފްރިޖް ބަލައިލިއިރު ބޯނެ ފިނި ފެންފޮދެއް ވެސް ނެތެވެ. ވީ ފޫހިން ކާން އިން ތަށި ދުރުކޮށްލުމަށްފަހު ބަދިގެއިން ނިކުތީމެވެ.
މުޅި ގޭތެރެ މިވަނީ ފަޅުވެފައެވެ. ގޭތެރެއަށް ވަނީ އެގޮތް މިގޮތަށް އެއްޗެހިތަށް އުކާފައެވެ. މިއީ އަހަރެންގެ "މުޑުދާރު" ކަމުންނޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް މިއީ މީގެ ހަމަސް ކުރިން މިގޭތެރެ އޮތް ގޮތެއް ނޫނެވެ.
ލޯބިވާ އަންހެނުންނާ ކައިވެނިކޮށްގެން އަހަރެންގެ ދެދަރިން ތިބެއެވެ. އަހަރެންގެ ކުޑަކުޑަ އާއިލާ އާއި އެކީ އުޅުނީ ނިކަން އުފަލުގައެވެ. ހުރިހާ ކަމެއް ބަދަލުވީ އަހަރެންގެ ހަޔާތަށް އިތުރު އަންހެނަކު އައި ހިސާބުންނެވެ. ޒައިނަބުގެ ރީތިކަމަށް ހިތްކިޔައި އޭނާ އާއި އެކީ ދިރިއުޅުމެއް އުޅެން ނިކަން ބޭނުންވެއްޖެ އެވެ. އިސާހިތަކު އަނބިމީހާ ދެކެ ފޫހިވާން ފަށައިފިއެވެ. ވަރިކުރެވޭކަށް ނެތެވެ. އެއީ އަހަރެންގެ ދެކުދިންގެ މައިމީހާ އެވެ.
ދެއަންބަށް ކައިވެނިކޮށްގެން އަހަރެން ޒައިނަބު ގެއަށް ވެއްދި ފުރަތަމަ ދުވަހުން ފެށިގެން އަންހެނުން ދިޔައީ ހިތާމަ ކުރަމުންނެވެ. އެކަން އެނގިހުރެވެސް ނުފެންނަ ކަމަށް ހެދިގެން އަހަރެން ހުރީއެވެ. އޭގެ ފަހުން އަހަރެން މުޅިންހެން ނިދަނީ ވެސް ޒައިނަބުގެ ކޮޓަރީގައެވެ.
އަހަރެންނަށް އެތައް ކަމެއް ފާހަގަވަމުން ދިޔައެވެ. ނަމަވެސް ޗާލު ޒައިނަބުގެ ހުރިހާ ކަމެއް ނުފެންނަ ކަމަށް ހެދިގެން އަހަރެން އުޅެން ފެށީމެވެ.
އަހަރެންގެ ހުރިހާ ކަމެއް ކުރަނީ ދޮށީ އަންބެވެ. ކައްކައި ކާން ހެދުމުގެ އިތުރުން ޒައިނަބު ކާ ތަށިވެސް ދޮންނަނީ ދޮށީ އަންބެވެ. ނުވީތާކަށް އަހަރެންނާއި ޒައިނަބު ނިދާ އެނދުވެސް ރީތި ކުރަނީ ދޮށީ އަންބެވެ. އަހަރެންގެ ހަގު ކަމަނާގެ ހުރިހާ ކަމެއްވެސް ނޯކަރެއް ފަދައިން ކުރީ ހަމަ ދޮށީ އަންބެވެ. އަހަރެން ކުރިމަތީ އެތައް ޝަކުވާއެއް ކުރިނަމަވެސް ޒައިނަބު ކުރިމަތީ ހުންނަނީ ވަރަށް މަޑުމައިތިރިކޮށެވެ.
އިންސާނަކަށް ކެތް ވާނީވެސް ވަކި ވަރަކަށެވެ. ދޮށީ އަންބަށް ކެތް ނުވެގެން ދަރިންތައް ގޮވައިގެން ހިނގައްޖެ އެވެ. އެއީ ޒައިނަބު އަހަރެންގެ ދޮށީ ދަރިފުޅުގެ ގައިގައި އެދުވަހު ޖެހީއެވެ. އެކުއްޖާގެ ބުރަކަށީގައި އޭނާގެ ދެއަތްތިލަ ހުރީ އަރާފައެވެ. އެކަމާ ރުޅިގަދަވެގެން ގޭތެރޭގައި ވަރަށް ގަދަޔަށް ޒުވާބުކުރުމަށްފަހު ދޮށީ ކަމަނާ ގެއިން ނިކުމެގެން ހިނގައްޖެ އެވެ.
ދެންވީ ގޮތަކީ، ގޭތެރޭގެ އެއްވެސް ކަމެއް ކުރާނެ މީހަކު ނުވީއެވެ. ޒައިނަބަކީ ކަންނެތްކަމުން ފުޅަ އަޅާފައިހުރި މީހެކެވެ. އަހަރެންނަށް އެކަން ވިސްނުނީ މާ ފަހުންނެވެ. އެމަންޖެ އަހަރެންނަށް ފެންތައްޓެއްހާ ހިސާބުވެސް ގެނެސްނުދެއެވެ. ޒައިނަބާ އިނދެގެން މިހެދުނީ ވަރަށް ބޮޑު ގޯހެއްކަން އިހުސާސުވީ ދޮށީ އަނބި ދަރިންތައް ގޮވައިގެން ދިޔަ ފަހުންނެވެ. ގެއަށް އަންނައިރު ކާނެއެއްޗެއް ނުހުރެއެވެ. ދެހަފްތާ ވީއިރު އަންއުނުތައް ފުނިޖަހާލާފައި ގޮނޑިއެއް މަތީގައި ހުއްޓައި ދޮވުނީ އަހަރެންގެ ދެއަތުންނެވެ.
ސަހަރޯއެވެ. ޒައިނަބު މިހަޔާތުން ނެރެ އެއްލާލައިފީނެވެ. ދޮށީ ކަމަނަ ހަމަ އެއްގޮތަކަށް އަންނާކަށް އެއްބަހެއް ނުވިއެވެ. މިދެލޮލުން ކަރުނަ ނުހިކެއެވެ. އަހަރެންނަކީ ކޮންކަހަލަ ނުބައި މީހެއް ހެއްޔެވެ؟ އަހަރެންނަށް ލިބުނު ޖަވާހިރު ބީވެގެން ދިޔައީ ހަމަ އަހަރެންގެ ކުށުންނެވެ. ޖަވާހިރެއް ޖީބުގައި އޮއްވައި އޮފުއަރާފައި އޮތް ގާބުރިއެއް ޖީބަށް ލެވުނީ ހަމަ މޮޔަ ކަމުންނެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް