އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 10.2 ބިލިއަން ރުފިޔާ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކަނޑައަޅައިފިއެވެ. މިއީ މިހާތަނަށް ސަރުކާރަކުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މިހާ ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ވަނީ އެއީ މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދު ކަމަށް ވިދާޅުވެފައެވެ. ޕީއެސްއައިޕީއަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަކީ މުޅި ބަޖެޓުގެ 27 ޕަސެންޓެވެ.
ބަޖެޓްގެ މުހިއްމު ބައިތައް
- ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
- ރިކަރެންޓް ހަރަދު: 22.2 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 10.2 ބިލިއަން ރުފިޔާ
- ކެޕިޓަލް: 5.1 ބިލިއަން ރުފިޔާ
- އާމްދަނީ: 29.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ
ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގަނީ މައިގަނޑު 10 ދާއިރާއަކުންްނެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުގައި 3.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާއިރު އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ބަޖެޓް ފޮތުގައި ވެ އެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫ އެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫއެވެ.
މީގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުގައި 362 މިލިއަން ރުފިޔާ، ރ. އަތޮޅުގައި 309 މިލިއަން ރުފިޔާ، ތ. އަތޮޅުގައި 332 މިލިއަން ރުފިޔާ، ގދ. އަތޮޅުގައި 486 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ފުވައްމުލަކުގައި 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާ ގޮތަށް ހަމަޖެހިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް