ޕަރސަނަލް ފައިނޭންސިންގ ޚިދުމަތް އެއް ދުވަސްތެރޭ ހަމަޖައްސައިދޭ ގޮތަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ކަނޑައަޅައިފިއެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަކީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް މަހުންމަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިސްލާމިކް އާއެކު އެއްބަސްވުން އެކުލަވާލާފައިވާ ވިޔަފާރިތަކުން މުދާ ގަނެވޭ ޚިދުމަތެކެވެ. ބީއެމްއެލް އިން ބުނީ، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު، އިލެކްޓްރޯނިކްސް، ފަރުނީޗަރާއި ހިފާގެންގުޅޭތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ ނެގޭނެ ކަމަށާއި މި ފެސިލިޓީގެ ދަށުން މުދާ ނެގިނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މި ގެނެވުނު ބަދަލަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ޕަރސަނަލް ފައިނޭސިންގ އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާއެކު އެއްދުވަސްތެރޭ މި ޚިދުމަތް ފޯރުކޮށްދެވިގެންދާކަމީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް