އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޝެފީލްޑް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ.
މި މެޗު އާސެނަލްއިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުން ޝެފީލްޑް ބަލިކޮށްގެންނެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ލަނޑުތައް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެކްޓާ ބެލެރިން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލީ ބުކަޔޯ ސަކާ އެވެ. ސަކާ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ބެލެރިންގެ އެހީތެރިކަމާ އެކު އާސެނަލަށް ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ނިކޮލަސް ޕެޕޭ އެވެ. ޝެފީލްޑް ޔުނައިޓެޑްއިން އެޓީމުގެ ހަމަ އެކަނި ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 83 ވަނަ މިނެޓުގައި ޑޭވިޑް މެކްގޯލްޑްރިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި މޮޅާ އެކު އާސެނަލް ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އާސެނަލް ހަތަރު ވަނައިގައި އޮތްއިރު އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ އެވަޓަން އެވެ. އާސެނަލްގެ ކުރިން ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މިއަދު ހަވީރު ވެސްޓް ހޭމް އަތުން ލެސްޓާ ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ސައުތެމްޓަނުން ވަނީ މިއަދު ހަވީރު އަމިއްލަ ދަނޑުގައި 2-0 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ. ވުލްވްސް އިން އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅެ މޮޅުވީ 1-0 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް