މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮންލައިން އެޕްލިކޭޝަން "ވާރުޕޭ" އަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި އެވެ.
މިކަމަށްޓަކައި ދިރާގާއި މީރާ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން، އަސްމާ ޝަފީއު އެވެ. ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޗީފް ފައިނެންޝަލް އޮފިސަރު ރޮބިން ވޯލްއެވެ.
މި ރަސްމިއްޔާތުގައި އަސްމާ ވިދާޅުވީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، އަދި ގިނަ ފަރާތްތަކުން މި ފަދަ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތްތަކުން މީރާއިން ޚިދުމަތް ހޯދުމަށް ވާނެ ފަސޭހައެއްކަމަށެވެ. ކުރިއަށްއޮތްތަނުގައި، އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ޚިދުމަތްތައް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
މި ހަފްލާގައި ރޮބިން ވޯލް ވިދާޅުވީ މީރާގެ ޕޭމަންޓް ޕާޓްނާ އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދިރާގުން އަބަދުވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރޮބިން ފާހަގަކުރެއްވިއެވެ.
ވާރުޕޭ މެދުވެރިކޮށް ޓެކްސްއަށް ފައިސާ ދެއްކުން ފިޔަވާ ހުރިހާ ހިދުމަތްތަކަކަށް ފައިސާ ދެއްކެ އެވެ. އެ އެޕްއިން ފައިސާ ދެއްކޭ ހިދުމަތްތަކުގެ ތެރޭގައި ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއާޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް ފީތައް ހިމެނެ އެވެ.
ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް