އިޓާލިއަން ސެރިއޭގައި ރޭ އުދިނޭސީއާއި ދެކޯޅަށް ކުޅުނު މެޗު ރޯމާއިން ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން އުދިނޭސީ އަތުން ރޯމާ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.
އުދިނޭސީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެ އޮވެއެވެ.
މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ ރޯމާއިން ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މި މެޗުގައި ރޯމާއިން މޮޅުވި ލަނޑު، މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކާމޔާބު ކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ރޯމާއަށް ކާމިޔާބު ކޮށްދިނީ މި ޓްރާންސްފާގައި ޗެލްސީ ދޫކޮށް ރޯމާއާއި ގުޅުނު ޕެޑްރޯ ރޮޑްރިގޭޒްއެވެ.
ރޭގެ މި މޮޅާއި އެކު ތިން މެޗުން ލިބުނު 4 ޕޮއިންޓާއި އެކު ރޯމާއިން ވަނީ ޕޮއިންޓު ތާވަލްގެ 8 ވަނަ އަށް ޖެހިލާފައެވެ. އަދި މި މެޗުން ރޯމާއަތުން ބަލިވި އުދިނޭސީ އޮތީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުހޯދި ޕޮއިންޓެއް ނުލިބި ތާވަލުގެ 19 ވަނާގައެވެ.
ލީގުގައި ރޯމާ ދެން ކުޅެން ޖެހޭ މެޗުގައި އެޓީމު ނިކުންނާނީ ބެނެވެންޓޯއާއި ދެކޮލަށެވެ. އަދި އުދިނޭސީ ނިކުންނާނީ ޕާރމާއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް