ގެސްޓް ހައުސް އަދި ސިޓީ ހޮޓާތައް ތަރައްގީކޮށް ހިންގުމަށް އައްޑޫ ސިޓީން ބިން ކުއްޔަށް ދޫކުރަން ފަށައިފިއެވެ.
މި ބިންތައް ދޫކުރަން ފަށާފައިވަނީ އެ ސިޓީގައި ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުންނެވެ. ބިން ކުއްޔަށް ދޫކުރަން ފެށިކަން ހާމަކޮށްފައިވަނީ އެ ސިޓީގެ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ބިޑް ވިއްކަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެ ކައުންސިލްގެ އިދާރާއިން ހެނދުނު 09:00 އާއި 12:00 އާއި ދެމުގެ ވަގުތުތަކުގައި ބިޑް ވިއްކާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހިންނަށާއި ބިދޭސީންނަށްވެސް ހުޅުވާލާފައިވާއިރު ދިވެހިންނަށް ބިޑް ޑޮކިއުމެންޓް ވިއްކަނީ 2000 ރުފިޔާ އަށެވެ. އަދި ބިދޭސީންނަށް ވިއްކަނީ 300 ޑޮލަރަށެވެ.
މީގެ އިތުރުން، ޕްރީބިޑް ބައްދަލުވުމެއް ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ހެނދުނު 11 ޖަހާއިރު އައްޑޫ ސިޓީ އީކުއޭޓާ ވިލެޖުގައި އޮންނާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް