ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތުގެ ގުޅުން ބަދަހިކޮށް އެގައުމުގެ ބައިބައިވުންތައް ނައްތާލައި މުސްލިމުން އެއް ގަލަކަށް އެރުމުގައި އަމަލު ކުރާނޭ ތިން މަރުހަލާއެއް ކަނޑައަޅައިފި އެވެ.
ދެ ޖަމާއަތުގެ މެމްބަރުން ހިމެނޭގޮތަށް އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަލަސްތީނު އޮތޯރިޓީގެ ތަރުޖަމާނު ޔޫސުފް އަލް މަހްމޫދު ވިދާޅުވެފައިވަނީ އެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާއަކީ ކަރަންޓު މައްސަލަ އާއި ފެނުގެ މައްސަލަ އަށް ހައްލެއް ގެނައުން ކަމަށެވެ.
ފަލަސްތީނުގައި މި ބައިބައިވުން އޮންނަތާ ގަރުނެއް ވެފައިވާއިރު ގާޒާ ސަރަހައްދު ކޮންޓްރޯލު ކުރަމުންދަނީ ހަމާސް ޖަމާއަތުންނެވެ. އެހެނިހެން ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދަނީ ފަތަހަ ޖަމާއަތުންނެވެ. ފަތަހަ ޖަމާއަތަކީ ގައުމުގެ ރައީސް މަހްމޫދު އައްބާސް ނިސްބަތްވެވަޑައިގަންނަވާ ޖަމާއަތެވެ.
2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފަލަސްތީނު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާފައިވާއިރު މަޝްވަރާ ކުރެވެމުންދަނީ ބައިބައިވުންތައް ނައްތާލާ އެއް ބައެއްގެ ގޮތުގައި ގައުމީ ރޫހުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ދެ ފަރާތުންވެސް ހާމަ ކުރެ އެވެ.
މިކަމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މިކަމަކީ މިސްރުގެ ސަރުކާރުގެ އިސްނެގުމުގެ މަތިން ފެށިގެން ދިޔަ މަޝްވަރާތަކެއްގެ ނަތީޖާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް