ކޮރަޕްޝަންގެ ތަހުގީގަށް ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމަލް ރާޖަޕަކްސަ ހައްޔަރު ކޮށްފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހައްޔަރު ކުރީ 2013 ވަނަ އަހަރުގެ އ...

04 Sep 2026 | 16:03
ނަމާލް ރާޖަޕަކްސާ --

ނަމާލް ރާޖަޕަކްސާ --

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމަލް ރާޖަޕަކްސަ ހައްޔަރު ކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހައްޔަރު ކުރީ 2013 ވަނަ އަހަރުގެ އެއާބަސް މަތިންދާބޯޓު ގަތުމުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަން ތަޙުޤީޤެއްގެ ތެރެއިން ސްރީލަންކާގެ ރިޝްވަތާއި ކޮރަޕްޝަނާ ބެހޭ ކޮމިޝަން (ސީއައިއޭބީއޯސީ) އިންނެވެ. ހައްޔަރު ކުރުމުގެ ކުރިން އެ މައްސަލައިގަ އޭނާއާ ކޮމިޝަނުން ސުވާލު ކޮށްފައިވެ އެވެ.

ނަމާލްގެ މައްޗަށް ކުރެވޭ ދައުވާތައް އަދި ސާފުވެފައެއް ނުވެއެވެ. އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ޤާނޫނީ ވަކީލުވަނީ 2.3 ބިލިއަން ޑޮލަރުގެ އެ ޑީލާ ގުޅިގެން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. އެ ޑީލް 2016 ވަނަ އަހަރު އައު ސަރުކާރަކުން ވަނީ ބާޠިލުކޮށްފައެވެ.

މި ތަޙުޤީޤު ބިނާވެފައި އޮތީ ޔޫރަޕުގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެއާބަސް އިން އެ ގަތުމުގެ ފައިސާގެ ބައެއް ސްރީލަންކާގެ ސީނިއާ ވެރިންނާއި ސިޔާސީ ފަރާތްތަކަށް ދީފައިވާ ކަމުގެ ތުހުމަތުގެ މައްޗަށެވެ.

މި މައްސަލައިގަ މީގެ ކުރިން ރާޖަޕަކްސަ ޢާއިލާއިން ރިޝްވަތު ނެގި ކަމުގެ ތުހުމަތު ދޮގުކޮށް އެ ތުހުމަތުތަކަކީ ސިޔާސީ މަޤުޞަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ބުނެފައިވެއެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި މެއި މަހު ސީއައިއޭބީއޯސީ އިން ސުވާލުކޮށްފައިވެއެވެ.

ސްރީލަންކަން އެއާލައިންސްގެ ކުރީގެ ޗީފް އެގްޒެކެޓިވް ކަޕިލަ ޗަންދްރަސެނަ މާރިޗު މަހު ތަޙުޤީޤު ޓީމަށް ބުނީ ރާޖަޕަކްސައަށް ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ ރިޝްވަތު ހަވާލުކުރި ކަމަށެވެ. ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން ޗަންދްރަސެނަ ފުރަތަމަ ބުނީ 2013 ވަނަ އަހަރު ތިން ބުރެއްގެ މަތީން އެ ދުވަސްވަރު 461,000 ޑޮލަރު ރާޖަޕަކްސައަށް ދިން ކަމަށެވެ. ނަމަވެސް ފަހުން ޗަންދްރަސެނަ ވަނީ ޕްރެޝަރުގައި ދިން ބަޔާނެއް ކަމަށް ބުނެ އެ ވާހަކަ ބަދަލުކޮށްފައެވެ.

ޗަންދްރަސެނަ އަލުން ހައްޔަރުކުރަން ތައްޔާރުވެފައި ވަނިކޮށް މެއި މަހު ތިމާގެ މީހެއްގެ ގެއިން މަރުވެފައި އޮއްވައި ފެނުނު އިރު މަރުވި ސަބަބު އަދި ކަށަވަރުވެފައެއް ނުވެއެވެ.

އެމެރިކާ އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ކުރިން ހިންގި ތަޙުޤީޤަކުން ހާމަވީ ސްރީލަންކާގައި ގާތްގަނޑަކަށް 16 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމަށް އެއާބަސް އިން އެއްބަސްވެފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 1.7 މިލިއަން ޑޮލަރު ޗަންދްރަސެނައަށް ފޯރުކޮށްދީފައިވާ ކަމަށް އެ ތަޙުޤީޤުން ދެއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް