އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް --
އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމާނެ ވަކި ތާރީޚެއް ދެވެން ނެތް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ބުނެފިއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުރާސްފަތި ދުވަހު ވެންސް ވަނީ މި ހަނގުރާމައިން މާބޮޑު އަސަރެއް ކުރަމުން ނުދާކަން ދައްކަން މަސައްކަތްކޮށްފައެވެ. ވެންސް ބުނީ މިއީ ހަނގުރާމައެއް ކަމަށް ނުދެކޭ ކަމަށާއި މިވަގުތު ހަމަލާ ބަދަލުކުރުމެއް ނެތް ކަމަށެވެ.
ނަމަވެސް ބައެއް ހިސާބުތަކުގައި ހަމަނުޖެހުން ހޫނުވެފައިވާ ކަމަށް އޭނާ އެއްބަސްވިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ދުވަސްތަކެއް ވަންދެން ވަރުގަދައަށް ހަމަލާ ބަދަލުކޮށްފައިވީ ނަމަވެސް ބޮޑެތި އަސްކަރީ ޙަރަކާތްތައް ކުރިއަށް ދިޔައީ ގާތްގަނޑަކަށް ހަ ހަފުތާ ކަމަށާއި އީރާނުގެ ދިފާޢީ އުފެއްދުންތެރިކަމުގެ ޤާބިލުކަން ނެތިކޮށްލެވިފައިވާ ކަމަށް ވެންސް ބުންޏެވެ.
ހަނގުރާމައިގެ މައިގަނޑު ފޯކަސް ޕޮއިންޓެއް ކަމުގައިވާ ހޮރުމޫޒް ކަނޑުއޮޅީގެ މައްސަލައަށް އަލިއަޅުވައިލަމުން ވެންސް ބުނީ މި ހަމަނުޖެހުން ނިމެނީ ކޮން އިރަކުންތޯ ސުވާލުކުރުމަކީ އީރާނުން ނައު ފަހަރަށް ހަމަލާ ދިނުން ހުއްޓައިލަނީ ކޮން އިރަކުންތޯ ސުވާލުކުރުން ކަމަށެވެ. އޭނާ ބުނީ ހަނގުރާމަ ހުއްޓާލަނީ ކޮން އިރަކުތޯ ސުވާލު ކުރަން ޖެހޭނީ އީރާނާއި ކަމަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން އެ ކަނޑުއޮޅިން މިނިވަންކަމާ އެކު ބޯޓުފަހަރު ދަތުރުކުރި ނަމަވެސް އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލުން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ވިޔަފާރި ބޯޓުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއް ބައި ދައުރުވީ ހޮރުމޫޒް ކަނޑުއޮޅިންނެވެ.
ވެންސް ބުނި ގޮތުގައި އީރާނާ ދެކޮޅު އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން ކަނޑުއޮޅީން ތެޔޮ ސަޕްލައި އިތުރުކުރެވޭނެ ހާލަތެއް އުފެދެމުންދާ ކަމަށެވެ. އަދި ވެނެޒުއެލާގެ 65 ބިލިއަން ފީފާ ތެލުގެ ރިޒާވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަ އާ އެއްބަސްވުމެއްގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ދަށްކުރެވޭނެ ކަމަށް ވެސް ވެންސް ބުންޏެވެ.
އޭނާ ބުނީ ދުނިޔޭގައި ހަކަތައިގެ ކާރިސާއެއް ނެތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލީޑަޝިޕާއި އެމެރިކާ ސިފައިންގެ މަސައްކަތުން ކަމަށް ވެންސް ބުންޏެވެ.
ހަނގުރާމަ ފެށި ފަހުން އީރާނާއި ލުބުނާން ފަދަ މެދުއިރުމަތީގެ ސަރަޙައްދުތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. ހަމައެއާ އެކު އޮގަސްޓް މަހާ ހަމައަށް އެމެރިކާގެ 18 ސިފައިންގެ މީހުން މަރުވެ 750 މީހުން ޒަޚަމްވެފައިވެއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް ގެނުވައި ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާ މި ހަނގުރާމަ ނިމޭނެ ދުވަހެއް ސާފު ނުވެ ބައިނަލްއަޤުވާމީ ފާޑުކިޔުން ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް